11 May 2016, 11:07
ސިޓީ ކައުންސިލްއިން މިހާރު ކުރަމުން އަންނަ ހަމައެކަނި މަސައްކަތް ކަމަށްވާ ކުދިންނަށް ނަން ކިޔުމާއި އުފަން ދުވަހުގެ ސެޓްފިކެޓު ހެއްދުންފަދަ ހިދުމަތްތައް އެއްދުވަހާއި ތިން ދުވަހާ ދޭތެރޭ ދެމުން އަންނަ ކަމަށް އެ ކައުންސިލްއިން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލް މެމްބަރު ސަމާއު ޝަރީފް "ސަން"އަށް ވިދާޅުވީ ކުރިން އާންމުކޮށް ހަތް ދުވަސް ތެރޭގައި ދެމުން އައި ހިދުމަތްތައް ކަމަށްވާ ނަން ކިޔުމާއި އުފަން ދުވަހުގެ ސެޓްފިކެޓު ދިނުމުގެ ހިދުމަތް މިހާރު އެކަމަށް ހުށަހަޅާ ދުވަހު ވެސް ދެމުން އަންނަ ކަމަށެވެ. ހަމައެއާއެކު އެންމެ ލަސްވެގެން އެ ހިދުމަތްތައް ތިން ދުވަހުގެ ތެރޭގައި ދެމުން އަންނަ ކަމަށް ސަމާއު ވިދާޅުވިއެވެ.
"އަދިވެސް އިއުލާންކޮށްފައި އަދި އަންގާފައި ވެސް އޮންނަ ރަސްމީ ޑޭޓަކީ ހަތް ދުވަސް، އެކަމަކު އެހެން އޮތް ނަމަވެސް އަޅުގަނޑުމެން މިހާރު ތިން ދުވަސްތެރޭ ގިނަވެގެން ހިދުމަތްދެން،" ސަމާއު ވިދާޅުވިއެވެ.
މީގެ ޒަމާންތަކެއް ކުރިން ފެށިގެން ދާދިފަހަކާއި ޖެހެންދެން އެ މަސައްކަތް ކުރަމުން ދިޔައީ ލޮގްފޮތުން ލިޔަމުން ކަމަށާއި އެކަން ޒަމާނީ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ސަމާއު ވިދާޅުވި އެވެ. އެތައް ބައެއްގެ މީހުންގެ މައުލޫމާތު ލިޔެފައި ހުރީ ފޮތްފޮތާއި ފައިލްތަކުގައިކަމުން އެ ޒަމާނީ ގޮތަކަށް ރައްކާކުރުމަށް އެންސީއައިޓީއާއި ވާހަކަ ދައްކަމުން އަންނަ ކަމަށާއި އޭރުން ހުރިހާ ކައުންސިލްއެއް ޑިޖިޓަލްކޮށް ގުޅާލެވޭނެ ކަމަށް ސަމާއު ވިދާޅުވި އެވެ.
ނަން ކިޔުމުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ހުރަވީ ބިލްޑިން ބޭރުގައި ނަން ލިސްޓާއި ނަމުގެ މާނަ ބަލާލެވޭ ސިސްޓަމެއް ރޯދައިގެ ކުރިން ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް ސަމާއު ވިދާޅުވިއެވެ.
ހަމައެހެންމެ ނަން ފާސްކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓު ހަދައިދިނުމުގެ ހިދުމަތް ހުޅުމާއިން ލިބޭނެ އިންތިޒާމް ރޯދައިގެ ކުރިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަމާއު ވިދާޅުވި އެވެ.