11 May 2016, 10:41
ދިވެހިރާއްޖޭގައި ވަޒީފާގައި އުޅޭ ކުޑަކުދިން (15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ) އަދަދު އެންމެ ގިނައީ ހއ. އަތޮޅުގައި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
އެ ބިއުރޯ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، 15 އަހަރާއި 17 އަހަރާ ދެމެދުގެ 1878 ކުދިން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އެއީ ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އާބާދީގެ 1.29 ޕަސެންޓެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުން އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުދިން ނިސްބަތް ވަނީ ހއ. އަތޮޅަށެވެ. ވަޒީފާ އަދާކުރާ ކުޑަކުދިންގެ 0.767 ޕަސެންޓު ހއ. އަށް ނިސްބަތްވާ އިރު، އެކުދިންގެ ތެރެއިން 35 ޕަސެންޓު ކުދިންނަކީ ތައުލީމު ހާސިލު ކުރަމުން އަންނަ ކުދިންނެވެ.
ކުޑަކުދިން ވަޒީފާ އަދާކުރާ ދާއިރާތައް ދައްކުވައިދޭ ޗާޓު --
ވަޒީފާއަށް ދާ ކުދިންގެ ނިސްބަތް ދެވަނައަށް އެންމެ މަތީ ހދ. އަތޮޅުގަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ކުޑަކުދިން ވަޒީފާއަށް ދަނީ ވެރި ރަށް މާލެ އިން ނެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނީ އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަސައްކަތް ކުރަނީ ވިޔަފާރި ދާއިރާގައި ކަމަށެވެ. އެކި ކަހަލަ ވިޔަފާރިތަކުގައި 30 ޕަސެންޓު ކުދިން ހަރަކާތްތެރިވާއިރު، 19 ޕަސެންޓު ކުދިން ކުދިން ހަރަކާތްތެރިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި ވަޒީފާތަކުގަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޒީފާ އަދާކުރާ ކުޑަކުދިންގެ ނިސްބަތް. އެންމެ ގިނަ ކުޑަކުދިން ވަޒީފާއަށް ދަނީ ހއ. އަތޮޅުގައި --
ތިން ވަނައަށް އެންމެ ގިނަ ކުދިން ހަރަކާތްތެރިވަނީ ތައުލީމީ ދާއިރާގެ އެކި ކަހަލަ ވަޒީފާތަކުގަ އެވެ.
ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު ލައްވައި ތައުލީމާއި ތަރުބިއްޔަތާ ގުޅޭ ގޮތުން މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް އެފަދަ ކުއްޖެއްގެ އަމިއްލަ ރުހުމާ އެކު އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިކުރުވުން އެ އުސޫލުގައި ނުހިމެނޭ ކަމަށް އެ ގާނޫނުގައި ބުނެ އެވެ.