ދުވާލު ގަޑީގައި ބޮޑުތަކުރުފާނުމަގުގައި މީހަކަށް ކަތިވަޅިއަކުން ހަމަލާތަކެއްދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައެއްގައި މުޖްތަމައުއަށް ނުރައްކާތެރި ކަމަށް ފުލުހުން ބުނާ ހ. އަގި، އަސީލް އިސްމާއިލްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދައުވާ އުފުލައިފި އެވެ.

އެ މައްސަލައިގައި ދައުވާ ހުށަހަޅުއްވަމުން ޕީޖީގެ ވަކީލާ ވިދާޅުވީ އަސީލާއި ގދ. ފަރެސްމާތޮޑާ، އަލި، ހައްސާން އަލީއާ [ނުރައްކާތެރި ކަމަށް ބުނާ މީހެއް] ދެ މީހުން ޑިސެމްބަރު 3، 2010ގައި ބޮޑުތަކުރުފާނުމަގު އަތޮޅުވެހި ކައިރީގައި ތިއްބައި އެތަނަށް ދިޔަ އިތުރު މީހަކާ އެކު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ގާޑިއަލެއްގައި އޮތް ކަތިވަޅެއް ނެގުމަށް ފަހު އެތަނަށް ފަހުން އައި މީހާގެ ގައިގެ އެކިތަންތަނުގައި ވަޅިން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

އެހެންކަމުން ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ނ. ހަވާލާދީ އެ މާއްދާގެ ބ.ގެ ދަށުން ތޫނު ހަތިޔާރަކުން މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އުފުލީ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ނ.ގައި ބުނެފައި ވަނީ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންދިނުމަކީ ނުވަތަ އެފަދަ ކަމެއް ކުރަން އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އެ މާއްދާގެ ބ. ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

އަސީލަށް ދައުލަތުން ކުރާ ދައުވާއާ މެދު ކީކޭތޯ ބުނަނީ ގާޒީ އެއްސެވުމުން އޭނާ ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި އެކަމަކު އިންކާރު ކުރާ ކަމަށެވެ. އަދި ބުނީ އިތުރަށް ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.

ވަކީލެއް ބޭނުން ކަމަށް އަސީލް ބުނި ނަމަވެސް ގާޒީ އޭނާއާ އިތުރަށް ސުވާލު ކުރައްވަމުން ވިދާޅުވީ އެ ގާޑިޔާ ކައިރިއަށް ދިޔައިންތޯ އެވެ. އަސީލް ބުނީ އެ ގާޑިޔާ ކައިރިއަށް ވެސް ނުދާ ކަމަށެވެ.

އަސީލް ދައުވާ އަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ހިމެނޭ ހެކިންގެ ނަން ހާމަނުކޮށް ދައުލަތުން ހެކި ހުށަހަޅާފައި ވަނީ ސިޓީއަކުންނެވެ. މީގެ އިތުރުން ސީސީޓީވީގެ ފުޓޭޖްތައް ވެސް ހުށަހަޅައިފަވެ އެވެ.

ފުލުހުން ބުނެފައި ވަނީ އަސީލަކީ މާލޭގެ ނުރައްކާތެރި ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. މާރާމާރީ ހިންގުމާއި ފޭރުމުގެ މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ އަސީލް ވަނީ މިހާތަނަށް 10 ފަހަރު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ފަސް މައްސަލައެއް ކޯޓާއި ޕީޖީ އޮފީހުގައި އެބަ އޮތެވެ.
އެ މައްސަލައިގައި އަސީލް ފިލުމަށް އެހީތެރިވެދިން ކަމަށް ބުނެ ޕީޖީ އޮފީހުން ހައްސާންގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލައިގެ ލިޔެކިޔުންތައް ގާނޫނީ ވަކީލަށް ނުލިބޭތީ މައްސަލަ ދިރާސާ ކުރެއްވުމުގެ ފުރުސަތު ގާޒީ ވަނީ ހައްސާނަށް ދެއްވައިފަ އެވެ.