11 May 2016, 10:18
މާކިއުރީ އެޗްއޭއެފް އައިލެންޑް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ބ. ހިތާދޫ އާއި ރ. އަލިފުށި ހޯދައިފި އެވެ.
ރައިސިން ސްޓާސް ފޯ ވިލިފުށި ރެކްރިއޭޝަން (އާރްއެސްވީއާރު)އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ސެމީއަށް ހިތާދޫ އާއި އަލިފުށި ދަތުރުކުރީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.
ކުއާޓާ ފައިނަލުގައި ރޭ ބ. ހިތާދޫ އާއި ލ. ގަން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު ވަނީ 2-2 ލަނޑުން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ގަން އަތުން ހިތާދޫ މޮޅުވީ 1-3 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިތާދޫގެ ހުޒައިފަތު އެވެ.
ކުއާޓާގައި ރޭ އަލިފުށި ވަނީ އެންމެ ފަހުގެ ރަނަރަޕް އައްޑޫ ސިޓީ ފޭދޫ އަތުން މޮޅުވެފަ އެވެ. އެ މެޗުގައި ފޭދޫ ޓީމުގެ މައްޗަށް އަލިފުށި ކުރިހޯދީ 3-1 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިސްމާއިލް މަހުމޫދު އެވެ.
އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާ ފަހު ދެ ޓީމު މިރޭ ކަށަވަރުވާނެ އެވެ. ކުއާޓާގައި މިރޭ ބ. ކިހާދޫ އާއި ދ. މާއެނބޫ ބައްދަލުކުރާ އިރު، ކުއާޓާގެ ފަހު މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ޓީމާ ދެކޮޅަށް މ. ކޮޅުފުށި ނުކުންނާނެ އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިލެންޑް ކަޕުގައި ޖުމްލަ 32 ޓީމެއް ބައިވެރިވެފައިވެ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ ހުށަހަޅާގޮތަށް ހަމަޖެހިފައިވެ އެވެ.