ދުނިޔޭގެ ސިޓީތަކާއި ލޯކަލް ގަވަމަންޓްގެ ކަންކަން ބަލަހައްޓައި އެތަންތަނަށް އެކިދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަމާއި ލޯކަލް ޑިމޮކްރަސީ ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގައި ހަރަކާތްތެރިވުމަށް އުފައްދާފައިވާ، ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަމަންޓްސް (ޔޫސީއެލްޖީ)ގެ މެމްބަރުކަން އެލްޖީއޭ އަށް ދީފި އެވެ.

ޔޫސީއެލްޖީގެ މެމްބަރެއްގެ ގޮތުގައި އެލްޖީއޭ ހިމެނުމަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް ބިއުރޯއިން ނިންމައި، ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޮތް ރަސްމިއްޔާތެއްގައި މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

ޔޫސީއެލްޖީ އުފައްދާފައި ވަނީ 2004 ވަނަ އަހަރު އެވެ. ދުނިޔޭގެ ފެންވަރުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ އެ ޖަމިއްޔާގެ މައި މަރުކަޒު ހިންގަނީ ސްޕޭނުގެ ބާސެލޯނާގަ އެވެ.

އެޖަމިއްޔާގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ލޯކަލް ލެވެލްގެ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި ފަރުދީ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކަށް ބާރުއެޅުމާއި ޖިންސުގެ ހަމަހަމަކަމާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމެވެ.

އޭގެ އިތުރުން މިޒަމާނުގެ ޓެކްނޮލޮޖީގެ ލުއިފަސޭހަކަން ލިބިފައިވާ ހިތްފަސޭހަ ސިޓީތަކެއް ގާއިމުކުރުމަށް ބާރުއެޅުމާއި ސަގާފަތާއި އާދަކާދަ ދަމަހައްޓަން ބާރުއެޅުމާއި ޑީސެންޓްރަލައިޒޭޝަން އާއި ލޯކަލް ސެލްފް ގަވަމަންޓް އަދި ލޯކަލް ފައިނޭންސް އަދި ޑިވެލޮޕްމަންޓަށް މަސައްކަތް ކުރުން ފަދަ ކަންތައްތައް ވެސް އެ ޖަމިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.