11 May 2016, 09:32
ވޮޝިންޓަން (މޭ 11): އެމެރިކާގެ ވެސްޓް ވާޖީނިއާގައި ޑިމޮކްރަޓިކް ޕާޓީންނާއި ރިޕަބްލިކަން ޕާޓީން ބޭއްވި ޕްރައިމަރީން ބާނީ ސޭންޑާސް އާއި ޑޮނަލްޑް ޓްރަމްޕް ކުރި ހޯއްދަވައިފި އެވެ.
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަންއާ ވާދަ ކުރައްވައި ވެސްޓް ވާޖީނީއާގެ ޕްރައިމަރީ ސޭންޑާސް ކާމިޔާބު ކުރައްވާފައިވާ އިރު، މިދިޔަ ހަފްތާގައި އިންޑިއާނާގައި އޮތް ޕްރައިމަރީ ވެސް ކާމިޔާބު ކުރެއްވީ ސޭންޑާސް އެވެ.
ނަމަވެސް، ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓަކަށް ވުމަށް ބޭނުންވާ ޑެލިގޭޓުންގެ އަދަދު އަދިވެސް ގިނައީ ހިލަރީ ކްލިންޓަންގެ އެވެ. ސޭންޑާސް އަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދަކީ 1،469 އެވެ. ހިލަރީއަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު 2،239 އަށް އަރަ އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވާން ބޭނުންވާ ބޭފުޅަކަށް 2،383 ޑެލިގޭޓުން ބޭނުންވެ އެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާން ބޭނުންވާ ފަރާތަކަށް 1،237 ޑެލިގޭޓުން ބޭނުންވެ އެވެ. ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓުކަމަށް ވާދަ ކުރައްވަމުން އައި ޓެޑް ކްރޫޒް ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމުން އެޕާޓީގެ ކެނޑިޑޭޓުކަމަށް މިހާރު ވާދަ ކުރައްވަމުން ގެންދަވަނީ ޑޮނަލްޑް ޓްރަމްޕް އެކަންޏެވެ. ވެސްޓް ވާޖީނިއާގެ ޕްރައިމަރީ ކާމިޔާބު ވުމުން ޓްރަމްޕަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު ވަނީ 1،058ށް އަރައިފަ އެވެ. (ބީބީސީ)