11 May 2016, 09:16
ސާއި ކަބީރުގެ ކުރިއަށް އޮތް ފިލްމު، "ޑިވައިން ލަވާސް"ގެ ބަތަލާގެ ރޯލު ކުޅެން ކުރިން ހަމަޖެހިފައި އޮތް ކަންގަނާ ރަނައުތުގެ ބަދަލުގައި އެ ރޯލު ކުޅުމަށް ޒަރީން ޚާން އާ ހަވާލުކޮށްފި އެވެ.
ބައިނަލްއަގްވާމީ ފިލްމީ ދުނިޔޭގައި ވެސް މަޝްހޫރު އިރްފާން ޚާންއާ އެކު ޒަރީން ފެނިގެންދާނެ ކަމަށް ކަބީރު ޔަގީން ކޮށްދީފައި ވަނީ އޭނާ ނެރުނު ބަޔާނެއްގަ އެވެ. އަދި އިރުފާންގެ ބެލުމުގެ ދަށުން ފިލުމަށް ތައްޔާރުވުމުގެ ގޮތުން ދެ މަސް ދުވަހުގެ ތަމްރީންތަކެއް ޒަރީން ހަދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"އެއީ ތެދެއް. އެ ރޯލަށް އެންމެ ކަމުދަނީ އޭނަ (ޒަރީން)،" ކަބީރުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ގައުމީ ފިލްމު އެވޯޑް މި އަހަރު ލިބުނު ކަންގަނާގެ ބަދަލުގައި ޒަރީން ހަމަޖައްސާފައި މިވަނީ، ފިލްމުގެ ޝޫޓިން ފެށުމަށް ކަންގަނާ ތައްޔާރުވަނިކޮށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ފިލްމު، "ޑިވައިން ލަވާސް" އަކީ އެޑްވެންޗާ ކޮމެޑީ ފިލްމެކެވެ.
ރީތި ކަމުގެ ސަބަބުން ގިނަ ބައެއްގެ ހިތް ކަތިލާފައިވާ ޒަރީން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވިޝާލް ޕަޑްޔާގެ "ހޭޓް ސްޓޯރީ 3" އިންނެވެ.