11 May 2016, 01:10
ވަކި އަތަކަށް ޖެހިއްޖެ ކަމަށް ހަމަވިސްނުން ވިސްނާ މީހަކު ގަބޫލުކުރާނެ ފަދަ ގޮތަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ މަހާސިންތާ 2016 އިފްތިތާހު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ތެދުވެރިކަމާއެކު ފަނޑިޔާރުން ހަގީގަތް ހޯދަންޖެހޭ ކަމަށާއި ފަނޑިޔާރުންގެ ނިންމުންތައް ބިނާވާންޖެހޭނީ ސަލާމަތް ބުއްދީގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރުން އިއްވާ ހުކުމްތަކުގައި ބޭއިންސާފުގެ އެއްވެސް އުންސުރެއް ނެތްކަން ކަށަވަރުވާ މިންވަރަށް ސަބަބުތައް ބަޔާންކުރަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރުންގެ މަހާސިންތާ 2016 ފެށުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ދެފަރާތުގެ ހައްގުތަށް ހިމާޔަތް ކުރުމާއެކު ގާނޫނުގެ ތެރެއިން ދެވެން އޮތް ލުޔެއް ދިނުމަކީވެސް އަދުލްވެރިކަމުގެ ތެރޭގައި ހިމެނޭ ސިފައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ޒަމާނީ އުސޫލުތަކަށް ފަނޑިޔާރުން އަހުލުވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.
ޒަމާނާ އެއްގޮތަށް ސިވިލް ޖަސްޓިސް ނިޒާމް ބައްޓަން ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޝަނެއް ގާއިމްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ މަހާސިންތާ 2016 ފެށުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
މާދަމާ ހެނދުނު ފަށާ ފަނޑިޔާރުންގެ މަހާސިންތާ އޮންނާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.
މިރޭގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.