10 May 2016, 21:47
ގެއްލިފައިވާ ނޫސްވެރިޔާ މ. ޝައިނިންގސްޓާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ތަފްސީލީ މައުލޫމާތު އދ.ގެ ވޯކިން ގްރޫޕް އޮން އެންފޯސްޑް އެންޑް އިންވޮލަންޓަރީ ޑިސަޕިއަރަންސް އާ ހިއްސާކޮށްފި އެވެ.
މިއަދު ޖެނީވާގައި ހުންނަ އ.ދގެ މައި މަރުކަޒުގައި ދިވެހި ސަރުކާރުގެ ފަރާތުން، އަހްމަދު ރިޟްވާންގެ މައްސަލައިގައި ހުށަހަޅާފައިވާ މައުލޫމާތާބެހޭ ގޮތުން ވާހަކަދެއްކުމަށް، ވޯކިން ގްރޫޕްގެ މެންބަރުނާއެކު ދިވެހި ސަރުކާރުގެ ޑެލިގޭޝަނެއް ވަނީ ބައްދަލުކުރައްވާފައެވެ.
އެ ޑެލިގޭޝަންގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދެވެ. އެ ޑެލިގޭޝަނުުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި އެޓާނީ ޖެެނެރަލްގެ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބޭފުޅުން ހިމެނިވަޑައިގަތެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅުއްވި ހުށަހެޅުއްވުމުގައި، އަހްމަދު ރިޟްވާން ގެއްލުމުގައި ދައުލަތުގެ އެއްވެސް ފަރާތެއްގެ އެއްވެސް ޝާމިލްވުމެއް ހިމެނޭކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން އެ މައްސަލައަކީ ވޯކިން ގްރޫޕްގެ މެންޑޭޓްތެރޭގައި ހިމެނޭނެ މައްސަލައެއް ކަމާމެދު ދިވެހި ސަރުކާރުން ސުވާލު އުފެއްދިކަމަށް މިނިސްޓްރީން ބުންޏެވެ.
"ރިލްވާންގެ މައްސަލައިގެ ތަހުގީގު ހިނގަމުންދާގޮތުގެ ތަފްސީލީ ރިޕޯޓެއް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާތީ، އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު، ވަރކިން ގްރޫޕްއަށް ފެންނަގޮތެއް ނިންމާނެކަމަށް، އެ ގްރޫޕުން ވިދާޅުވި،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ވޯކިން ގްރޫޕްގެ މެންބަރުންނާ ހަވާލާދީ ފޮރިން މިނިސްޓްރީން ބުނީ އެ ގްރޫޕަކީ، އެ ގުރޫޕަށް ހުށަހެޅޭ އެފަދަ މައްސަލަތަކުގައި ވަކި ފަރާތެއް ޒިންމާދާރުކުރުވައި، އެގޮތުގެ މަތިން ނިޔާ ކަނޑައަޅާ ބައެއް ނޫންކަމަށާއި، އެމީހުންގެ މައިގަނޑު މަގުސަދަކީ، ގެއްލިފައިވާ މީހުން ހޯދުމަށްޓަަކައި ދައުލަތްތަކުގެ ކަމާބެހޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް، ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި ހިމެނޭ މީހުންގެ އާއިލާތަކާ ހިއްސާކުރުން ކަމަށެވެ.
ރިލްވާން ގެއްލުނު މައްސަލައިގައި މިހާތަނަށް އެނގިފައިވާ ގޮތުން، އޭނާ ގެއްލުވާލާފައި ވަނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު މިކަމުގައި ޝާމިލުވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.