އޭއެފްސީ ކަޕްގައި ފިލިޕީންސްގެ ކާޔާ އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މިއަދު ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް އެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި މައްސަލައަކީ ފޯވާޑުން މަދުވުން ކަމަށް ނިއުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފިއެވެ.

އެމެޗަށް ނުކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ ނިއުރޭޑިއަންޓް ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެޓީމު އޮތީ ޓޭބަލުގެ ފުލުގައެވެ. މިއަދުގެ މެޗު އެއްވަރުވެ ލިބުނު ޕޮއިންޓާ އެކު ކަޔާ އެފްސީ ވަނީ އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސްޓޮއިކޯފް ބުނީ ނިއުރޭޑިއަންޓްގެ މިހާރު އޮތް ސްކޮޑާ އެކު މިއަދުގެ މެޗުން ލިބުނު ޕޮއިންޓާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެންމެ ސްޓްރައިކަރެއް ލައިގެން މުޅި މެޗު ނިންމާލަން ޖެހުން ކަމަށެވެ.

"ކުޅުންތެރިންގެ މަސައްކަތާއި މެދު ހިތްހަމަޖެހޭ. ނަމަވެސް އެންމެ ސްޓްރައިކަރެއް ހުރުމުން މި ޖެހެނީ ޑިފެންޑަރުން ކުރިއަށް އަރުވައިގެން ކުޅުވަން. މެޗުތަކުން މޮޅުވާން އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް،" ސްޓޮއިކޯފް ބުންޏެވެ.

ސްޓޮއިކޯފް ބުނީ އެ ޓީމުގައި ހަމްޒާ މުހައްމަދު (ހަމްޕް) އެކަނި ފޯވާޑް ލައިންގައި ކުޅެމުންދާއިރު އޭނާގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި އެ ޓީމަށް އިތުރު ފޯވާޑުން ހޯދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.