10 May 2016, 21:14
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ އަދަދު 2000 އަށް ހަމަޖެހުމުން ހައްޖަށްދިއުމަށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ހައްޖު ދަތުރު އަވަސްވެގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅައެއްބައި ހައްޖުކޯޕަރޭޝަނަށް ލިބޭއިރު މީގެކުރިން ލިބެނީ 500 ކޯޓާއެވެ. އެއަދަދާއެކު 2018 އާއި ހަމައަށް ހައްޖަށް މީހުން ގެންދިއުމަށް ވަނީ ފުލްވެފައެވެ. އަލަށް ލިބުނު ކޯޓާއާއެކު އެކޯޕަރޭޝަނަށް 1000 މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ޔާމީން އިދްރީސް މިރޭ ސަން އަށް ވިދާޅުވީ އަލަށް އައި ބަދަލާއެކު ކުރިން މިދިޔަ އަހަރު ހައްޖަށް ދެވޭގޮތަށް ހަމަޖެހިފައިވާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭއިރު 2018 ވަނަ އަހަރު ހައްޖަށް ދެވޭގޮތަށް ކުރިންތިބި ފަރާތްތަކަށް އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.
"އެއްބައި ބޭފުޅުން އެކްސެޕްޓްވެސް ކުރާނެ އަވަހަށް ދިއުމަށް. އަނެއްބައި ބޭފުޅުން ވަގުތު ކުޑަތަންވުމުން ދާންބޭނުމެއްވެސް ނުވާނެ. އެގޮތަށް ދަމުންދަމުންގޮސް ފުދޭވަރަކަށް ބޮޑުބައެއް އަޅުގަނޑުމެންނަށް ފޮނުވާލެވޭވަރުވާނެ." ޔާމީން ވިދާޅުވި އެވެ.
ހައްޖަށް މީހުންފޮނުވާނީ ފައިސާދެއްކި މީހުންގެ ތަރުތީބުން ކަމަށާއި މިހާރުވެސް 1000 އަށްވުރެ ގިނަ މީހުން ހައްޖަށް ދިއުމަށް އެކޯޕަރޭޝަނަށް ފައިސާ ދައްކާފައިއެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.