ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ކުރީގެ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) މަފުށީ ޖަލުގައި ހުންނަވާ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިރޭ ސަން އަށް ވިދާޅުވީ، ފަޔާޒުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ހައްދަވަނީ އިތުރުފުޅު ކަމަށާއި އޭނާ ހުންނަވާ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިނުވާނެ ކަމަށެވެ.

"އެއީ ދޮގެއް އިނގޭތޯ. ފާޚާނާގައި ކެމެރާ ހަރުކޮށްފައި ނުހުންނާނެ،" ލުގުމާން ވިދާޅުވި އެވެ.

މަހުފޫޒު ޝަރީއަތުގައި ކަރެކްޝަންސްއާ ބެހޭގޮތުން ދޮގުވާހަކަ ދައްކާނަމަ އެކަމާ މެދު ފިޔަވަޅު އަޅާނަންތޯ ދެންނެވުމުން ލުގުމާން ވިދާޅުވީ އެކަން ކުރިއަށްގެންދާނީ ކަރެކްޝަނަލް ސާވިސްގެ ގާނޫނީ ޓީމުން ކަމަށެވެ.

ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަހުފޫޒު ވިދާޅުވީ، ފަޔާޒު ހުންނަވާ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވަނީ ކަރެކްޝަންސްގެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް އެކަމުގެ މައުލޫމާތު ޝަރީއަތުން ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަންނަ ބުރާސްފަތި ދުވަހު ކަރެކްޝަންސްގެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް އެކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ފަޔާޒުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ ނިންމާފައެވެ.

ޖަލުގައި ހުންނަ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކުރާ ކަމަށް މިހާރަކަށް އައިސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެގޮތުން މީހަކަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ނައިލޯނުގޭ އަހުމަދު އަޝްރަފްގެ އާއިލާ އިން ވެސް ވަނީ އޭނާ ހުންނަ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މ. ޝުރާމަންޒިލް ހާމިދު އިސްމާއީލް ވެސް ވަނީ އޭނާ ހުންނަ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ބުނެފައެވެ.