ޝަރީއަތް ނިމެންދެން ރިމާންޑު ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ކުރީގެ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) މަފުށީ ޖަލުގައި ހުންނަވާ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ވިދާޅުވެ އޭނާގެ ގާނޫނީ ވަކީލު އެކަން ގާޒީންގެ ސަމާލުކަމަށް ގެނެސްފި އެވެ.

ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ފަޔާޒު ހުންނަވާ ގޮޅީގެ ފާޚާނާގައި ކެމެރާ ހަރުކޮށްފައިވާއިރު، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ނުކުރާ ކަމެއް އޭނާ ފާޚާނަތެރޭގައި ނުކުރާ ކަމަށެވެ.

މަހުފޫޒު ވިދާޅުވީ، ފަޔާޒު ހުންނަވާ ގޮޅީގައި މީދާވެސް އުޅޭ ކަމަށާއި އޭގެމަތީގައި ހުންނަ ގޮޅި ސާފުކުރާ ފެން އެތަނުގެ ތެރެއަށް ފައިބާ ކަމަށެވެ.

"މަތީގެ ގޮޅި ސާފުކުރާ ފެން އަހުމަދު ފަޔާޒު އަލީ ރިޒާ ހުންނަވާ ގޮޅިއަށް ފައިބާ. އެތަކެތި ފައިބަނީ ފަޔާޒު ކާން އިންނަވާ ތަނަށް. އެހެންކަމުން ފެން ފައިބަންޏާ އެދުވަހަކު ނުކެވޭ،" މަހުފޫޒު ވިދާޅުވި އެވެ.

ފަޔާޒު ޖަލު ޔުނިފޯމް ލައްވާފައި ވަނީ ޖަލުތަކާއި ޕެރޯލްތަކުގެ ގާނޫނާ ޚިލާފަށް ކަމަށާއި އަދި ރިމާންޑު ޖަލުގައި ޝަރީއަތް ނިމެންދެން އޭނާ ބަހައްޓަން އަމުރުކޮށްފައިވާއިރު، އޭނާ ބަހައްޓާފައި ހުންނަނީ ހުކުމް ތަންފީޒުކުރާ މީހުން ތިބޭ ޖަލެއްގައި ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.

އެވާހަކަތަކަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް އެ މައުލޫމާތު އޮޅުންފިލުވުމަށްފަހު ނޫނީ އެކަންކަމަށް ގޮތެއް ނުނިންމަން އެދޭ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށްފަހު ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ހާޒިރުކޮށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.