ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު ފުލުހުން އެ ލޯންޗުކޮޅަށް އަރަން އުޅުމުން އަދި ނޭރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ އޭރުގެ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވިދާޅުވި ކަމަށް ބުނެ މީހަކު މިއަދު ސިއްރުން ހެކިބަސްދީފި އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ރައީސް ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް އިއްޒުންދީން ފާލަމާ ގާތް ކުރަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން މީހާ ބުނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ކަމުގެ މައުލޫމާތު އޭނާ އަށް ލިބުނީ ފޯނުކޯލަކުން ކަމަށާއި ހާދިސާ ހިނގި ސަރަހައްދަށް އޭނާ ނުދާ ކަމަށެވެ.

ނަމަވެސް ސިފައިންގެ އުޅަނދުތައް ބާއްވާފައި އޮންނަ ފައްތިއަލަށް ލޯންޗުކޮޅު ގެންގޮސްފައި ވަނިކޮށް ތޮށިގަނޑު މައްޗަށް އޭނާ ދިޔަ ކަމަށާއި އެވަގުތު ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝާހިދު ވެސް އެތަނުގައި ހުންނެވި ކަމަށެވެ.

ހެކިބަސްދިން މީހާ ބުނީ އެމްއެންޑީއެފްގެ އީއޯޑީ ޓީމް ލޯންޗުކޮޅަށް އެރުމުން ނޫނީ ފުލުހުންނަށް ލޯންޗުކޮޅަށް ނޭރޭނެ ކަމަށް ފަޔާޒު އޭނާ ގާތު ވިދާޅުވި ކަމަށެވެ. ފަޔާޒު އެގޮތަށް ވިދާޅުވީ އިތުރު މީހަކު ފަޔާޒު އަރިހު އެހެން ވިދާޅުވެގެން ކަމެއް ނޭނގޭ ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ނުކުރާ ތިން ހެކީންގެ ހެކިބަސް ނަގާފައެވެ.

ސިއްރު ހެކީންގެ ގޮތުގައި ދައުލަތުން ދެ މީހަކު ހުށަހަޅާފައިވާއިރު، ސިއްރު ހެކިބަސްދޭ ދެވަނަ މީހާ ބަލިވެއުޅޭތީ މިއަދު ކޯޓަށް ހާޒިރުކުރެވޭގޮތް ނުވި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ސިއްރު ހެކިބަސްދޭ ދެވަނަ މީހާގެ ހެކިބަސް ނެގުމަށްފަހު އެދުވަހު އޮންނާނީ ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ޝަރީއަތަށް ފެންނަ ހެކީން ހާޒިރުކޮށް ހެކިބަސް ނެގުން ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.