ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނިކޮށް، ކުޑަކުރި މުސާރަ ޝީޓް ހެދުމަށް ފިނޭންސް މިނިސްޓްރީ އަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފައިވާ ނިންމުމަށް ތާއީދުކޮށް، ހައިކޯޓުން ހުކުމްކުރުމާ ގުޅިގެން މިދިޔަ އަހަރު މުވައްޒަފުންނަށް ނުދީ ފިނޭންސުން ހިފަހައްޓާފައިވާ 443 މިލިއަން ރުފިޔާ ހޯދުމަށް އެ ކޮމިޝަނުން މަސައްކަތް ފަށައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ، ޖެނުއަރީ 2010 އިން ފެށިގެން މުވައްޒަފުންގެ މުސާރަ އިއާދަކުރުމަށް އެކޮމިޝަނުން ނިންމުމާ ގުޅިގެން މުވައްޒަފުންނަށް ހަމަ މުސާރަ ލިބެން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ގަބޫލުކުރާ ކަމަށެވެ. އަދި ކޮމިޝަނުގެ ނިންމުމާ ހިލާފަށް 2010 ވަނަ އަހަރު ނިމެންދެން މުވައްޒަފުންގެ މުސާރަ އިއާދަނުކޮށް، މުސާރައިން އުނިކުރި ބައި ހިފަހައްޓާފައި ވާތީ، އެ ފައިސާ ހޯދުމާ ގުޅޭ ގޮތުން ކަންތައް ކުރަންވީ ގޮތެއް ނިންމުމަށް މަޝްވަރާކުރުމަށް އެދި މިއަދު ފިނޭންސަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

"މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފިނޭންސުން މިއޮތީ ސިވިލް ސާވަންޓުންނަށް ހަމަ މުސާރަ ދޭން ފަށާފައި. ދެން އޭގެ ކުރީގެ 12 މަސް ދުވަހުގެ ފައިސާ ހޯދުމާ ބެހޭ ގޮތުން ޝަރީއަތުން މިއަދު ހުކުމާ ހަމައަށް މި ވާސިލްވެވުނީ. ދެން ހުކުމް ކުރުމާ ގުޅިގެން މި ވޭތުވެދިޔަ އެއް އަހަރުގެ ފައިސާ ]މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި] ދޭނީ ކިހިނެތްތޯ އަޅުގަނޑުމެންނަށް މިހާތަނަކަށް މަޝްވަރާކުރެވިފައެއް ނެތް. އެހެންވީމަ އެ މަޝްވަރާތައް ކުރުމަށް އަޅުގަނޑުމެން މިއަދު ފިނޭންސުގައި އެދޭނަން،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ފިނޭންސާ އެކު މަޝްވަރާކުރަން ބޭނުންވަނީ މުސާރަ އިން އުނިކުރި ފައިސާ އަނބުރާ މުވައްޒަފުންނަށް ދޫކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ކުރިއަށްދާންވީ ގޮތަކާ ގުޅޭ ގޮތުން ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓްރީން އެއްބާރުލުންދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ، އެ ފައިސާ ހޯދުމުގައި އަމަލުކުރަންވީ ގޮތެއް ނިންމުމުގެ ކުރިން މަޝްވަރާކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ލަފާ ވެސް ހޯއްދަވާނެ ކަމަށެވެ. އަދި އެއް ފަހަރާ ބޮޑު އަދަދެއް ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ، ވީހާވެސް "މަސްލަހަތު ރަނގަޅު" ގޮތެއް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އަންދާޒާކުރާ ގޮތުގައި، ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރި ފައިސާ 443653634.89 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފިނޭންސް މިނިސްޓްރީގެ ފިނޭންޝަލް ކޮންޓްރޯލާ އަހްމަދު އައްސަދު މިއަދު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރި ބައި ދިނުމާ ގުޅޭ ގޮތުން މިނިސްޓްރީން ނިންމައިފައިވާ ގޮތެއް އަދި އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ސާފުކުރުމަށް ފަހު ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް، އަދި އެކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ސިވިލް ސާވިލް ކޮމިޝަނުން ޖެނުއަރީ 2010 އިން ފެށިގެން މުސާރަ އިއާދަކުރުމަށް ނިންމައި، އުނިކުރި ބައި ހިމަނައިގެން މުސާރަ ޝީޓު ތައްޔާރުކުރުމަށް އޮފީސްތަކަށް އެންގުމުން ފިނޭންސުން ވަނީ ކުޑަކުރި މުސާރަ ޝީޓު ތައްޔާރުކުރުމަށް އޮފީސްތަކަށް އަންގައިފަ އެވެ. އެ މައްސަލަ ހޫނުވެ، ސީއެސްސީން ޝަރީއަތަށް ހުށަހެޅުމުން މިދިޔަ އަހަރު ސިވިލް ކޯޓުން އަމުރު ނެރުނީ ކުޑަކުރި މުސާރަ ޝީޓު ތައްޔާރުކުރުމަށް އެންގުމުގެ ބާރު ފިނޭންސަށް ލިބިގެންނުވާ ކަމަށެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ފިނޭންސުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރުމުން، ހައިކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.