10 May 2016, 16:14
ކިގަލީ (މޭ 10): ފަަހަކަށް އައިސް ޑްރޯން އާއްމުކޮށް ބޭނުން ކުރަނީ ބޮމުގެ ހަމަލާ ދިނުމަށެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ ފޯރުކޮށްދޭ ޔުނައިޓެޑް ޕާސެލް ސާވިސެސް (ޔޫޕީއެސް) އިން މިހާރު ވަނީ ޑްރޯން ބޭނުންކޮށްގެން ރުވަންޑާގެ ސިއްހީ މަރުކަޒުތަކަށް ލެޔާއި ކުއްލި ހާލަތުގައި ބޭނުންވާ ބޭސް ފޮނުވަން ނިންމާފަ އެވެ.
ޑްރޯން ކުންފުންޏެއް ކަމަށްވާ ޒިޕްލައިނާއި، ފަގީރު ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ގަވީ ދަ ވެކްސިން އެލައަންސާ ގުޅިގެން ޔޫޕީއެސް އިން ޑްރޯން ބޭނުންކޮށްގެން ރުވަންޑާގައި ސިއްހީ އާލާތްތައް ފޮނުވަން ފަށަން ނިންމާފައި ވަނީ މިއަންނަ މަހުގަ އެވެ.
ޑްރޯންގެ ހިދުމަތް ބޭނުން ކުރަން ޑޮކްޓަރުން ނުވަތަ ނަރުހުން ޖެހޭނީ މެސެޖެއް ފޮނުވާށެވެ. މެސެޖް ފޮނުވާތާ 30 ވަރަކަށް މިނިޓު ތެރޭގައި ބޭނުންވާ އެއްޗެއް ޑްރޯން ބޭނުންކޮށްގެން ފޮނުވާދޭނެ ކަމަށް ޔޫޕީއެސް އިން ބުނެފައިވެ އެވެ. އަދި ޑްރޯން ބިމުގައި ޖައްސަން ނުޖެހި، ސަލާމަތް ކަމާއެކު ޕެކެޖު ބިމަށް ތިރިކުރެވޭ ގޮތަށް ކޮންމެ ޕެކެޖެއްގައި ޕެރެޝޫޓެއް ހަރުކޮށްފައި ހުންނާނެ ކަމަށް ޔޫޕީއެސް އިން ބުންޏެވެ.
ޒިޕްލައިން ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ ޑްރޯންތަކުން ކޮންމެ ދުވަހަކު 150 ޑެލިވެރީ ކުރެވޭނެ ކަމަށެވެ.
"ޔޫޕީއެސްގެ ތަޖުރިބާގެ އެހީގައި، ގަވީއާ ޒިޕްލައިންގެ ޑްރޯން ޑެލިވެރީގެ މަސައްކަތުން އެތައް ހާސް މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ،" ޒިޕްލައިންގެ ސީއީއޯ، ކެލާ ރިނައުޑޯ ވިދާޅުވި އެވެ.
ރުވަންޑާއަކީ ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމުކަމުން އެގައުމުގައި ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފަ އެވެ. (އަލްޖަޒީރާ)