ހެދިބޮޑުވުމުގެ މަރުހަލާތަކުގައި ކުޑަކުދިންނަށް އަންނަ ހުރަސްތައް ކަޑައްތުކުރުމުގައި ވީހާވެސް ޅައުމުރެއްގައި މަސައްކަތް ކުރުމަށްޓަކައި ހިންގޭ "އާލީ އިންޓަވެންޝަން" ކްލާހެއް ކެއާ ސޮސައިޓީގައި ގާއިމުކުރުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ބުނާ ގޮތުގައި، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ދިރާގުން ކެއާ ސޮސައިޓީއަށް ވެދިން މި އެހީގައި، ކްލާހުގައި ސެންސަރީ އޭރިއާއަކާ، އެކްޓިވިޓީ ކޯނަރެއްގެ އިތުރުން ޓޭބަލް އެކްޓިވިޓީ ކޯނަރަކާ މޮޓޯ އޭރިއާއެއް ގާއިމު ކުރެވޭނެ އެވެ. އަދި އެތަންތަނުން ކުދިންގެ ވިޝުއަލް ރިސެޕްޝަން، ރިސެޕްޓިވް ލޭންގުއޭޖް އަދި ކޮމިއުނިކޭޝަންގެ އިތުރުން މޮޓޯ ސްކިލްސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ.

މި ކްލާހުގައި، އެންމެ ތުއްތު އިރުން ފެށިގެން އުމުރުން ހަތް އަހަރާ ހަމައަށް ކުޑަކުދިންނަށް ޚިދުމަތް ދެވޭނެ ކަމަށް ކެއާ ސޮސައިޓީއިން ބުނެ އެވެ. އަދި ޚާއްސަ ގޮތެއްގައި މެއިންސްޓްރީމްގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު މި ކްލާހުގައި ދެވޭ ތަމްރީންތަކުގެ ސަބަބުން ކުދިންނަށް ފުޅާވެގެންދެއެވެ.

މީގެ އިތުރުން މި ކްލާހުގެ ޚިދުމަތްތަކުގެ ސަބަބުން، ކުދިން ނުކުޅެދުންތެރިކަމަށް މަގުފަހިވުމުގެ ފުރުސަތު ހަނިވެ، އެފަދަ ކަމެއް ހުރި ނަމަ އެކަމުން ތަހައްމަލު ކުރަންޖެހޭ ގޮންޖެހުން ހަނިވާނެ ކަމަށާ، ކުއްޖާގެ އިޖްތިމާއީ، ޖިސްމާނީ އަދި ނަފްސާނީ ހުނަރުތައް ތަރައްގީވެ، ދިރިއުޅުމުގެ މަރުހަލާތަކަށް ކުއްޖާ ތަރައްގީ ކޮށްދޭ ކަމަށް ކެއާ ސޮސައިޓީން ބުނެ އެވެ.