10 May 2016, 16:17
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް އެ މަގާމުގައި މީގެ ކުރިން ވެސް ހުރި މޫސާ ނާޝިދު އިންތިހާބްކޮށްފި އެވެ.
ބީއެއްއެމް އިން މިއަދު ހެންވޭރު ބޯޅަ ގޭގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި މޫސާ ނާޝިދު ރައީސްގެ މަގާމަށް އިންތިހާބު ކުރީ އެކަމަށް ޓަކައި ނެގި ވޯޓްގައި އެ މަގާމަށް ކުރިމަތިލި ހަސަން ރިޔާޒްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. ޖުމްލަ 617 މެންބަރުންނާ އެކު ކުރިއަށް ގެންދިޔަ އިންތިހާބު މޫސާ ނަޝީދު ކާމިޔާބު ކުރީ 600 ވޯޓާ އެކު އެވެ. ހަސަން ރިޔާޒް އަށް ލިބުނީ 17 ވޯޓެވެ.
ކުރިއަށް އޮތް ދައުރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުވެފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުރި އަހުމަދު ޝާކިރު މޫސާ އެވެ. އެ މަގާމަށް އޭނާ އެކަނި ކުރިމަތިލާފައި ވުމުން ނެގި ފެންނަ ނުފެންނަ ވޯޓް އަހުމަދު ޝާކިރު މޫސާ ކާމިޔާބު ކުރީ 540 ވޯޓާ އެކު އެވެ. އޭނާއާ ދެކޮޅަށް 76 މެމްބަރަކު ވަނީ ވޯޓްދީފައިވެ އެވެ. މީގެ އިތުރުން ބީއޭއެމްގެ ހަޒާންދާރުގެ މަގާމަށް މުހައްމަދު ސައީދު އިންތިހާބުވީ، މޫސާ ރަމީޒްއާ ވާދަކޮށް 596 ވޯޓްލިބިގެންނެވެ. މޫސާ ރަމީޒް އަށް ލިބުނީ 20 ވޯޓެވެ.
އެ އެސޯސިއޭޝަނުގެ އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްސީލުކުރާ މެމްބަރަކަށް ފަތުހުﷲ ވަހީދު 613 ވޯޓާ އެކު އިންތިހާބު ވެފަ އެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަނުގެ އެކްޒެކެޓިވް ކޮމިޓީގެ ފަރުދީ މެންބަރުން ތަމްސީލްކުރާ މެންބަރަކަށް އަބްދުލް ކަރީމް 596 ވޯޓާ އެވެ.
ހަތަރު ފަހަރު ބާއްވަން އިއުލާންކޮށް އެންމެ ފަހުން މިއަދު ބޭއްވި އެ އެސޯސިއޭޝަނުގެ އިންތިހާބުކާމިޔާބުކޮށް މަގާމްތަކަށް ހޮވުނު ފަރާތް ތަކުގެ ދައުރަކީ ހަތަރު އަހަރެވެ.