ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގައި ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދިޔަ 35 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.

ޑެންގީއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ އެ ރަށު ހާޝިޔާ އަބްދުﷲ އެވެ. ހާޝިޔާ މަރުވެފައި ވަނީ އިތުރު ފަރުވާއަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން ތައްޔާރުވެފައި ވަނިކޮށް ކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ބުނެ އެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ހާޝިޔާ މަރުކަޒަށް ގެނައީ މިދިޔަ އާދީއްތަ ދުވަހު މާބޮޑަށް ވަރުބަލިވާތީ ކަމަށާއި، އޭރު ހެދި އެއްވެސް ޓެސްޓަކުން އޭނާ ޑެންގީ އަށް ޕޮޒިޓިވް ކަމަށް ދައްކާފައި ނުވާ ކަމަށެވެ.

"އިއްޔެ ފަތިސް ވާން އުޅެނިކޮށް މާބޮޑަށް ބަނޑުގައި ރިއްސާތީ އަނެއްކާ ޑޮކްޓަރު ލަފާ ދިނީ އިތުރު ޓެސްޓުތަކެއް ހަދަން. އެ ޓެސްޓުތަކުން ޑެންގީއަށް ޕޮޒިޓިވްވީ. ގެނައި އިރު ޕޮޒިޓިވް އެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހާޝިޔާއަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ އުޅޭ މީހަކަށް ވާތީ ޑެންގީއަށް ޕޮޒިޓިވް ވިކަން އޭނާ އަށް އަންގާފައި ނުވާނެ ކަމަށާއި، ނަމަވެސް ކޮންމެސް ގޮތަކުން އެކަން އެނގި އޭނާ ވަރަށް ބޮޑަށް ހާސްވުމަށް ފަހު މަރުވީ ކުއްލިއަކަށް ކަމަށެވެ.

ޑެންގީއަށް ޕޮޒިޓިވް ވުމާ އެކު، ތިނަދުއަށް ފޮނުވާލުމަށް ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށާއި ނަމަވެސް ތިނަދު އަށް ނުގެންދެވެނިސް ހާޝިޔާގެ ވިންދު ހުއްޓުނު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެ އެވެ.

"ޕޭޝަންޓުގެ އާއިލާ މީހެއް ކައިރީ އެކަނި ބުނެފައި އިންނާނީ ޕޭޝަންޓު ކުރިމަތީގައި ނުބުނަން ވެގެން. ނޭނގޭ ކިހިނެތް ކަމެއް ޕޭޝަންޓަށް އެނގުނީ. ދެން އެހެން އަންނަ މީހުން ވެސް ފާޑުފާޑުގެ ވާހަކަ ދައްކާތީ ބިރުގަތީމާ ބޮޑަށް. ޕޭޝަންޓަށް އެއީ ޑެންގީ ކަން ހުރީ އެނގިގެން. ބިރުން ގޮސް ނޭވާ ހާސްވާން ފެށީ. ދެން އެހެން ހާސްވަމުން ގޮސް ހަމަ ކުއްލިއަކަށް ހުއްޓުނީ. ގާތްގަނޑަކަށް ޝޮކަކަށް ކަހަލަ ގޮތަކަށް. ހަމަ ކުއްލިއަކަށް ނިޔާވީ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހާޝިޔާ ތިނަދޫ އަށް ގެންދިޔަ އިރުވެސް ސީޕީއާރު ދެމުން ގެންދިޔަ ކަމަށެވެ. އަދި "ނިޔާވީ ޑެންގީގައި ކަމަށް ނުބެލެވޭ" ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޑރ. އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުން "ސަން"އަށް ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި ހާޝިޔާ ޑެންގީ އަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް، އޭރު ޑެންގީގެ ނުރައްކާތެރި ސްޓޭޖަށް ހާޝިޔާ ގޮސްފައި ނުވާ ކަމަށެވެ.

ނަމަވެސް ހާޝިޔާ ޑެންގީއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ތިނަދޫ އިން އޭނާ ބެލި ޑޮކްޓަރު، އޭނާ ނިޔާވީ ޑެންގީގައި ކަމަށް ބުނެފައިވާ ކަމަށް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެ އެވެ.

ޑެންގީ ޖެހިގެން ފަރެސްމާތޮޑާ އިން މީހަކު މަރުވެފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެޑް އޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވީ، މި އަހަރު މިހާތަނަށް ޑެންގީ ޖެހިގެން މީހަކު މަރުވެފައެއް ނުވާ ކަމަށާއި އެހެންކަމުން ޑެންގީގައި މި އަހަރު މީހަކު މަރުނުވެ ކުރިއަށްދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިއްޖެއްޔާމު މި އަހަރު ޑެންގީގައި އެއްވެސް މީހަކު މަރުނުވެ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާމު ކުރިއަށްގެންދެވޭނެ،" ނިޝާން ވިދާޅުވި އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 464 ކޭސް ހުށައަޅާފައިވާ އޭގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. އޭގެތެރެއިން 67 ޕަސެންޓް ކޭސް ހުށައަޅާފައި ވަނީ އަތޮޅުތެރެއިންނެވެ.

މާލެއާއި ހުޅުމާލޭގައި ޑެންގީ އިތުރުވި އިރު ކ. ކާށިދޫ އާއި ހއ. އިހަވަންދޫގައި ވެސް ޑެންގީ އިތުރުކަމަށް ރިޕޯޓްތަކުން ދައްކަ އެވެ.

މިދިޔަ އަހަރަކީ ޑެންގީގެ އައުޓް ބްރޭކް ކަމަށްވާ އިރު މިދިޔަ އަހަރު ވަނީ 1800 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.