10 May 2016, 16:22
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ޗައިނާއިން ކުރަމުންދާ އިންވެސްޓްމެންޓުތަކުގެ އަގު 12.29 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައިފި އެވެ.
އިންޑިއާގެ ވިޔަފާރި ނޫސް "ފައިނޭންޝަލް އެކްސްޕްރެސް" ބުނާ ގޮތުން، 2015 ވަނަ އަހަރު ނިމުނު އިރު، ޗައިނާއިން ދެކުނު އޭޝިއާގެ ގައުމުތަކަށް 12.29 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓުތައް ކޮށްފައިވާއިރު، އެ ގައުމުތަކާ ޗައިނާއާ ދެމެދު 111 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެ އެވެ.
ޗައިނާގެ ވައިސް މިނިސްޓަރު ފޯ ކޮމާސް ގާއޮ ޔަންއާ ހަވާލައިދީ ޝީންހުއާ ނިއުސް އޭޖެންސީއިން ބުނާ ގޮތުގައި، ސިލްކު ރޯޑު އިނީޝިއޭޓިވާ ގުޅިގެން ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ޗައިނާއިން ދަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އަދި ޗައިނާއިން 12.29 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓުތައް އެގައުމުތަކުގައި ކޮށްފައިވާ އިރު، އެގައުމުތަކުން ޗައިނާގައި 890 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ކޮށްފައިވާ ކަމަށް ވެސް ވައިސް މިނިސްޓރު ވިދާޅުވި އެވެ.
ޗައިނާއިން ދަނީ، އިންޑިއާގައި ވެސް އެ ގައުމުގެ އިންވެސްޓްމެންޓުތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާއާ ޕާކިސްތާނާ ދެމެދު އިގްތިސާދީ ކޮރިޑޯއެއް، ޕާކިސްތާނުން ކޮންޓްރޯލު ކުރާ ކަޝްމީރުގެ ސަރަހައްދުގެ ތެރެއިން ގާއިމު ކުރުމަށް ޗައިނާއިން 46 ބިލިޔަން ޑޮލަރު އިންވެސްޓު ކުރަން ރާވާފައިވެ އެވެ. މީގެ އިތުރުން ހުޅަނގު ޗައިނާއާ، ޕާކިސްތާނުގެ ގުވާދުރު ބަނދަރާ ގުޅުވާލުމުގެ މަޝްރޫއެއް ވެސް ވަނީ އިއުލާނު ކުރެވިފަ އެވެ.
ޗައިނާއިން ސްރީލަންކާގައި ވެސް ވަނީ ހަތް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓު ކޮށްފަ އެވެ. މީގެ އިތުރުން ޗައިނާއާ އިންޑިއާއާ ދެމެދު މިދިޔަ އަހަރު ވަނީ 65.16 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކޮށްފަ އެވެ.