އިންޑިއާގެ ކޯޓުތަކުގައި މިވަގުތަށް ނުނިމި ހުރި މައްސަލަތައް ނިންމަން 70،000 އަށް ވުރެ ގިނަ ފަނޑިޔާރުން ބޭނުންވާ ކަމަށް އެގައުމުގެ ޗީފް ޖަސްޓިސް ވިދާޅުވެއްޖެ އެވެ.

އޮރިއްސާ ހައި ކޯޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޗީފް ޖަސްޓިސް ޓީއެސް ޓާކުރު ވަނީ އިންޑިއާގައި ފަނޑިޔާރުންގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން އެކަށީގެންވާ އަދަދަކަށް ފަނޑިޔާރުން ނެތުމުގެ ސަބަބުން މައްސަލަތައް ނުނިމި ލަސްވާ ކަމަށާއި އިންސާފިވެރި ޝަރީއަތަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ހައްގަކަށް ވާއިރު، އެ ހައްގުން ރައްޔިތުން މަހްރޫމު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 3.14 ކްރޯޑަށް އަރާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެންކަމުން ޝަރީއަތްތައް އަވަސް ކުރުމަށް، ފަނޑިޔާރުންނާއި ވަކީލުން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން އަވަސް ކުރަންޖެހޭ ކަމަށް ޗީފް ޖަސްޓިސް ވަނީ ވިދާޅުވެފަ އެވެ.

ޓީއެސް ޓާކުރު ވިދާޅުވީ މިހާރު ވެސް އިންޑިއާގެ އެކި ކޯޓުތަކުގައި 900 އެއްހާ ފަނޑިޔާރުންގެ ޖާގަ ހުސްވެފައިވާ ކަމަށާއި އޭގެ ތެރެއިން 450 ޖާގަ އަށް ވަރަށް އަވަހަށް ފަނޑިޔާރުން އައްޔަން ކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ފަނޑިޔާރުން މަދުވާ މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފާ އެވެ.

ލޯ ކޮމިޝަން އޮފް އިންޑިއާ އިން 1987 ވަނަ އަހަރު ވަނީ ކޯޓުގައި ހުރި މައްސަލަތައް އެކަށީގެންވާ ބާރުމިނެއްގައި ނިންމުމަށް 44،000 ފަނޑިޔާރުން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެގެ ފަހުން މިހާރު 29 އަހަރު ފާއިތުވެ ގޮސްފައިވާ އިރު އިންޑިއާގެ އާބާދީ އާއި ކުށްތަކުގައި ބަންދުކުރެވި ޝަރީއަތް ކުރަން ޖެހިފައިވާ މީހުންގެ އަދަދުވެސް ވަނީ ބޮޑުތައް އިތުރުވެފަ އެވެ. ނަމަވެސް މިއަދުވެސް އިންޑިއާގެ ކޯޓުތަކުގައި ތިބީ 18،000 ފަނޑިޔާރުންނެވެ.