ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލިކަން ދައުވާއުފުލާފައިވާ ތިން މީހުންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަރަން ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ޝިފާންގެ މަރުގެ މައްސަލާގައި ޝައިފަންގެ އިތުރުން ދެން ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ނަމަވެސް އެދެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އެދެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ބަޔަށް ވަނީ ތާއީދުކޮށްފަ އެވެ.

މިއީ ހައިކޯޓުގެ ތާރީހުގައި ވެސް މީހަކު މަރަން ކުރި ފުރަތަމަ ހުކުމެވެ. މީގެ ކުރިން ދަށު ކޯޓުން ކުރާ މަރުގެ ހުކުމްތަކަށް ތާއީދުކުރި ނަމަވެސް މަރުގެ މައްސަލައެއްގައި ދޫކޮށްލާފައިވާ މީހަކު މަރަން ހުކުމް ކޮށްފައެއް ނުވެ އެވެ.

ޝައިފަންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އެބައި ބާތިލުކޮށް އޭނާ މެރުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ޝައިފަންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝިފާން މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވި އެވެ.

ޝިފާންގެ މަރުގެ މައްސަލާގައި ދަށުކޯޓުގައި ހެކިބަސްދިން މީހުންގެ ތެރެއިން ބައެއް ހެކިންނަށް އޭނާ މަރާލި އިރު ޝައިފަން އެތާގައި ހުރިތަން ފެނިފައިވާ ކަމަށް ބުނެ ހެކިބަސްދީފައިވާ ކަމަށް ފަނޑިޔާރު ރައޫފު ވިދާޅުވި އެވެ. އަދި ޝައިފަންގެ އަތުގައި ވަޅިއެއް އޮތްކަމަށް ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ރައޫފް ވިދާޅުވި އެވެ. އޭގެ އިތުރުން ޝިފާންގެ އަތުގެ ނިޔަފަތިން ފެނުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުންގެ ރިޕޯޓުން އެނގޭ ކަމަށް ރައޫފް ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރު ރައޫފް ވިދާޅުވީ ޝިފާންގެ މަރުގެ މައްސަލާގައި ގަސްތުމަރުގައި ފުރިހަމަވާން ޖެހޭ ރުކުންތައް ފުރިހަމަވާ ކަމަށެވެ. އެގޮތުން ޝީފާންއަކީ ހަމަލާދިނުމުގެ ކުރިން ދިރި ހުރި ފުރާނައެއް ކަމަށާއި އޭނާ މަރުވެފައި ވަނީ އެހަމަލާގެ ސަބަބުންކަން އެނގެން އޮންނަ ކަމަށާއި ޝިފާން މަރުވެފައި ވަނީ ބަޔަކު ސައިކަލުތަކެއްގައި ގޮސް މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއަކުންކަން އެނގޭ ކަމަށް ރައޫފް ވަނީ ވިދާޅުވެފަ އެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗައް ޝިފާން މަރާލިކަމުގެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައި ވަނީ އެ ދެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާވަރުގެ ހެކި ލިބިފައި ނުވާތީ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.

ފަނޑީޔާރު އަބްދުއްރައޫފް އިބްރާހިމް އިސް ފަނޑިޔާރުކަން ކުރައްވާފައިވާ އެ މައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިިޔާރު ޝުޖާއު އުސްމާނު އަދި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.