އިސްލާމްއާބާދު (މޭ 10): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ޔޫސުފް ރަޒާ ގިލާނީގެ ދަރިކަލުން، އަލީ ހައިދަރު ގިލާނީ ވަގަށް ނެގިތާ ތިން އަހަރު ފަހުން އޭނާ ސަލާމަތްކޮށްފި އެވެ.

އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައި ހުއްޓާ ހައިދަރު ގިލާނީ ސަލާމަތްކޮށްފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާ އާއި އެމެރިކާގެ ހާއްސަ ފައުޖުތަކުން ގުޅިގެން ކުރި މަސައްކަތުންނެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީ އާއި ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ޗެއާމަން ވަނީ ހައިދަރު ގިލާނީ ސަލާމަތްކޮށްފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި އޭނާގެ ސިއްހީ ހާލަތު ބެލުމަށް ފަހު ޕާކިސްތާނަށް އަނބުރާ ގެންދާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕީޕީޕީގެ ފަރާތުން ޕަންޖާބު ޕްރޮވިންސުގެ ދެހާސްތިންވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ހައިދަރު ގިލާނީ ވަގަށް ނެގީ ހަތިޔާރު އަޅައިގެން ތިބި ބަޔަކު ކެމްޕެއިން ރެލީގެ ތެރެއަށް ބަޑި ޖެހުމަށް ފަހު އެވެ.

އެދުވަސްވަރަކީ ޕާކިސްތާނުގެ ތާލިބާނުން ޕީޕީޕީގެ މެމްބަރުންނަށް އިންޒާރު ދެމުން ދިޔަ ދުވަސްވަރެއް ކަމުން، ހައިދަރު ގިލާނީ ވަަގަށް ނެގި ކަމަށް ތުހުމަތުކޮށްފައި ވަނީ ތާލިބާނުންގެ މައްޗަށެވެ. (ބީބީސީ)