10 May 2011, 15:30
ލ. އިސްދޫ ސްކޫލްގައި ކިޔަވައި ދެމުން އައި ބިދޭސީ ތިން ޓީޗަރަކު ފުރައިގެން ދިއުމުން، ސްކޫލަށް އިތުރު ޓީޗަރުން ފޮނުވައިދީފައި ނުވާތީ އިސްދޫ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ސްކޫލް ދޮށަށް މިއަދު އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.
އިސްދޫ ކައުންސިލުގެ މެންބަރު ޔޫސުފު ރިޔާޒު ވިދާޅުވީ މިއަދު މެންދރު 2:00 ޖަހާއެހާކަންހާއިރު އެ ރަށު ސްކޫލްގެ ބެލެނިވެރިން ސްކޫލް ދޮަށަށް އެއްވެ ގަޑިއެއްހާއިރުވަންދެން ޝުއޫރު ފާޅުކޮށްފައިވާ ކަމަށެވެ.
"މައްސަލައަކަށްވީ ސްކޫލްގައި ތިބި ބިދޭސީ ތިން ޓީޗަރުން ފުރައިގެން ދިއުމުން އެތަން ފިލްކުރާނެ ޓީޗަރުން ސަރުކާރުން ފޮނުވައިދީފައި ނުވުން. އެކަމާ ހިތްހަމަނުޖެހިގެން ބެލެނިވެރިން ނުކުތީ، އެމީހުން މުޒާހަރާއެއް ނުކުރޭ. އެމީހުން އެކަމާ ނުރުހޭކަން ދައްކާ، ޝުއޫރު ފާޅުކުރީ،" ޔޫސުފު ރިޔާޒް ވިދާޅުވި އެވެ.
ޔޫސުފު ވިދާޅުވީ ސްކޫލްގައި ތިބި ބިދޭސީ ޓީޗަރުން ފުރާކަން ކުރިން ބެލެނިވެރިންނަށް ވެސް އެނގޭނެ ކަމަށާއި އެމީހުން ދިޔައީ ތިން މަސް ކުރިން އެކަން އަންގާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެމީހުންގެ ބަދަލުގައި އަދި ޓީޗަރުން ލިބިފައި ނުވާތީ ބެލެނިވެރިން ކަންބޮޑުވީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިސްދޫ ބެލެނެވެރިން ސްކޫލް ދޮށަށް އެއްވެ ގަޑިއެއްހާއިރު ޝުއޫރު ފާޅު ކުރުމަށް ފަހު އެނބުރި ދިޔައީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތައް ސްކޫލުން މިއަދު އޮޅުން ފިލުވައި ދިނުމުންނެވެ.