ރާއްޖެވަށައި ކުރި ހިތްވަރުގަދަ ދަތުރަށް އަބްދުލް ގަފޫރު އަލީ (ގައްބެ) ބޭނުން ކުރި ކެޓަމަރާންއަކީ ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވެސް ބޭނުން ކުރަންޖެހޭ ކޭ ވަން ކެޓަމަރާންއެއް ކަަމަށް އޭނާ ބުނެފި އެވެ.

އިންޓަނޭޝަނަލް ސެއިލިން ފެޑެރޭޝަނުން ލިބުނު ފުރުސަތެއްގައި ގައްބެއާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާނީ އާދަމް ފައިސަލް (އެޑަމް) އެވެ. އެޑަމަކީ ރާއްޖެ ވަށައި ކެޓަމަރާނެއްގައި ގައްބެ ބުރު ޖެހިއިރު، އެ ޓީމުގައި ހިމެނުނު ޒުވާނެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގައްބެ ބުނީ، ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި އެ މުބާރާތް ބަލައިލުމުގެ ފުރުސަތު ލިބޭނެ ނަމައޭ ކުރިން ވެސް ހިތަށް އަރާ ކަމަށެވެ.

"އެހެން ހުއްޓާ މި ފުރުސަތު މި ލިބުނީ. މުބާރާތުގައި ދުއްވާ ކޭ ވަން ކެޓަމަރާންއަކީ ރާއްޖެ ވަށައި ގައްބެ ކުރި ދަތުރުގައި ބޭނުން ކުރި ބޯޓު. ގައްބެއަށް ފުރަތަަމަ މި އަހަރު އެ ފުރުސަތު މި ލިބުނީ. އޭތީގައި ވަރަށް ބޮޑު ސަރަހައްދެއް އަމިއްލައަށް ދުއްވީ. އެ ކެޓަމަރާންއަކީ ހަތަރު މީހުން ނޫނީ ދެ މީހުންގެ ކެޓަމަރާނެއް. ގައްބެ ރާއްޖެ ވަށައި މި ކުރި ދަތުރުގައި މި ބޭނުންކުރީ އެކަނި. އަމިއްލައަށް ކެޓަމަރާން ވައިގަދަކޮށް، ދުއްވިދާނެ ކަމަށް ގައްބެ ހިއެއް ވެސް ނުކުރަން. އެހާ ވައިގަ ގައްބެއަށް އެބަހުރި ދުއްވިފައި. ގައްބެއަށް ފެށުނީއްސުރެ އޮލިމްޕިކް ކޮމިޓީން ވަރަށް ބޮޑު އެއްބާރުލުމެއް ދޭ،" އޭނާ ބުންޏެވެ.

ރާއްޖެވަށައި ގައްބެ ކުރި ދަތުރުގައި ކެޓަމަރާން ދުއްވަނީ: ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ގައްބެ ބޭނުންކުރާނީ ރާއްޖެވަށައި ދަތުރުކުރުމަށް ބޭނުންކުރި ވައްތަރުގެ ކެޓަމަރާން --- ފޮޓޯ: އެޓޯލް ސެއިލާ

ގައްބެ ބުނީ، ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕަކީ ވަރަށް ބޮޑު މުބާރާތެއް ކަމަށާއި ކެޓަމަރާން ދުއްވަން އުޅޭއިރު އެކަހަލަ މުބާރާތެއްގައި ވާދަކޮށްލާނަމޭ ހަތަށްއަރާ ކަމަށެވެ.

"އޭރުގައި ހިތަކަށް ނާރާ މިވަރަށް މިކަން ކުރެވޭނެއެކޭ. އެކަމަކު އެހާ ކުޑައިރުން ފައްޓައިގެން މިހާ ހިސާބަށް އާދެވުމުން ހިތުގައި އިނދޭ އެ އުންމީދު. އިރާދަކުރެއްވިއްޔާ އުންމީދަކީ އަނެއްކާވެސް އައިސް ކެމެރާތަކެއްގެ ކުރިމައްޗަށް އެރޭނެ ކަމަށް. ރަނގަޅު އުންމީދަކާ އެއްކޮށް މި ދަނީ. އިރާދަކުރެއްވިއްޔާ ރަނގަޅު ހިސާބަކަށް ދެވޭނެ،" އޭނާ ބުންޏެވެ.

ގައްބެ އިތުރަށް ބުނީ، ސެއިލިންއަކީ އަބަދުވެސް އުނދަގޫ އެއްޗެއް ކަމަށާއި ސެއިލިންއަކީ ކަނޑާއި ވަޔާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ރަނގަޅަށް ފަރިތަކުރެވިއްޖެއްޔާ މުބާރާތުގައި މާ ބޮޑު އުނދަގުލަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކްރޮއޭޝިއާގައި މި އިންނަ ހިސާބު މޫސުމާއި ވައި ހުންނަނީ ކިހާވަރަކަށްތޯ ގައްބެ މިހާރު އަބަދުވެސް ބަލަން. މި ފުރުސަތު ލިބުން ދުވަހުން ފެށިގެން ބަރާބަރަށް ބަލަން. ގައްބެ އެތަނުގައި ހަމަ ދުއްވާ ކަހަލަ. އެކަންތައްތައް ބެލީމަ، ވަރަށް ބޮޑު ހިތްވަރެއް ލިބޭ އެތަނުގައި އެހާ އުނދުގޫ ނުވާނެ ކަމަށް. އެ ވަޔާއި މޫސުން ވަރަށް އަވަހަށް ބަދަލުވެދާނެ،" އޭނާ ބުންޏެވެ.

އޮގަސްޓް 27 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އެ މުބާރާތަށް ތައްޔާރުވާ ގައްބެ އާއި އެޑަމްގެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާގަ އެވެ.