ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރާ އަބްދުލް ޤަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް)ގެ ޓްރެއިނިންތައް އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިންޓަނޭޝަނަލް ސެއިލިން ފެޑެރޭޝަނުން ލިބުނު ފުރުސަތެއްގައި ގައްބެއާއެކު އެޑަމް ބައިވެރިވާނީ ޕާޓްނަރެއްގެ ގޮތުގަ އެވެ. އެޑަމަކީ ރާއްޖެ ވަށައި ކެޓަމަރާނެއްގައި ގައްބެ ބުރު ޖެހިއިރު، އެ ޓީމުގައި ހިމެނުނު ޒުވާނެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގު (މަރޭ) ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއެކު ދެ އެތުލީޓުން ވަރަށް ރަނގަޅަށް ޓްރެއިން ވެގެން ނޫނިއްޔާ އެ މުބާރާތަށް ފޮނުވުމަށް ބޭނުންނުވި ކަމަށެވެ.

"އެގޮތުގެ މަތިން އަޅުގަނޑުމެން އޮޅުވެލި ރިސޯޓުގެ މެނޭޖްމަންޓާއި ސަން ޓްރެވަލްސްގެ މެނޭޖްމަންޓާ އަޅުގަނޑު ބައްދަލުކުރިން. އަދި ގައްބެ އާއި އެޑަމަށް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ޓްރެއިން ކުރެވޭ ގޮތް އެބޭފުޅުން ވަނީ ހަމަޖައްސަދީފައި،" އޭނާ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ، އެކަމަށްޓަކައި ސަން ޓްރެވަލްސްގެ މެނޭޖްމަންޓަށް އޮލިމްޕިކް ކޮމިޓީ އަދި ދިވެހިރާއްޖޭގެ ކުޅިވަރު އެންމެހާ ބޭފުޅުންގެ ނަމުގައި ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށެވެ. މަރޭގެ އިތުރުން ގައްބެ އާއި އެޑަމް ވެސް ވަނީ އެކަން ހަމަޖައްސައި ދިނުމުން އެކަމަށްޓަކައި ސަން ޓްރެވަލްސް އަދި އޮޅުވެލި ރިސޯޓަށް ޝުކުރު އަދާކޮށްފަ އެވެ.

"އޭގެ އިތުރުން ފިޓްނަސް މެއިންޓެއިންކުރަން އެކި ފަރާތްތަކާ ވާހަކަދައްކައިގެން އަޅުގަނޑުމެން އެކަމަށް ބޭނުންވާ ހުރިހާ ސަޕޯޓެއް ހެމާސް ޖިމްގެ ފަރާތުން ދޭ ގޮތަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ޓޮޕްކެޓް އެސޯސިއޭޝަނުން ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ދޭ،" އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ، އަންނަ ހަފްތާ ތެރޭގައި ސްޕޮންސަރުންނަށް ހުޅުވާލާނެ ކަމަށާއި އިންޓަނޭޝަނަލް ޓޮޕްކެޓް އެސޯސިއޭޝަނުން ދޭ އެހީގެ އިތުރުން ހަރަދުތަކެއް މުބާރާތުގައި ބައިވެރިވުމަށް ހަރަދުތަކެއް ދާ ކަމަށެވެ. އަދި މުބާރާތް ފެށުމުގެ ދިހަ ވަރަކަށް ދުވަސް ކުރިން ގައްބެ އާއި އެޑަމް އެތަނަށް ފޮނުވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނުގައި ދިހަވަރަކަށް ދުވަސް ޓްރެއިންކޮށްފަ ނޫނީ މުބާރާތުގައި ބައިވެރި ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެ މުބާރާތަކީ ދުނިޔޭގެ އެތައް މިތަނުން ކަވަރުކުރާނެ މުބާރާތަކަށް ވާތީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓް ވެގެންދާނެ. އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކުރާނަން. އެބޭފުޅުންގެ ހިޔާލު އޮތީ ކިހިނެތްތޯ އޭގައި ބަލާނަން. އެއަށްފަހު އަޅުގަނޑުމެން އާންމުންނަށް ސްޕޮންސާ ކުރުމަށް ހުޅުވާލާނަން،" މަރޭ ވިދާޅުވި އެވެ.

އޮގަސްޓް 27 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތަށް ތައްޔާރުވާ ގައްބެ އާއި އެޑަމް، 15 ވަރަކަށް ދުވަހު ޓްރެއިން ކުރުވުމަށް ރާއްޖެއިން ބޭރުގެ ކޯޗެއް ހޯދުމަށް ވެސް އޮލިމްޕިކް ކޮމިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.