ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައްދަލުވުމެއް، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާ ގުޅިގެން، ޗައިލްޑް އެޑްވޮކެސީ ނެޓްވޯކް އޮފް ޑިސްއެބިލިޓީ އޯގަނައިޒޭޝަންސް (ކެން ޑޫ)އިން ފަށައިފި އެވެ.

މިއަދު ހެނދުނު މޫކައި ހޮޓެލްގައި ފެށި އެ ބައްދަލުވުމުގައި، ކެން ޑޫގައި ހިމެނޭ މެމްބަރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ހެލްތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ޖެންޑާ މިނިސްޓްރީ، ހައުސިންގް މިނިސްޓްރީ، އެންސްޕާ، ހިއުމަން ރައިޓްސް ކޮމިޝަން، ޑިސްއެބިލިޓީ ކައުންސިލް، ޔޫއެންޑީޕީ އަދި ޔުނިސެފުން މަންދޫބުން ބައިވެރިވެ އެވެ.

ކެން ޑޫގެ މެމްބަރުންގެ ތެރޭގައި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރަން (އާކް)، އެސޯސިއޭޝަން ފޯ ޑިސްއެބިލިޓީ އެންޑް ޑިވެލޮޕްމެންޓް (އޭޑީޑީ)، ބިއުޓިފުލް އަޔިޒް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް އެސޯސިއޭޝާން، ކެއާ ސޮސައިޓީ، އޯޓިޒަމް އެސޯސިއޭޝަން، ޑެފް އެސޯސިއޭޝަނުގެ އިތުރުން އެމްއޭޕީޑީ ހިމެނެ އެވެ.

އެ ކޮންފަރަންސްގައި، ނުކުޅެދުންތެރިކަން ހުންނަ ކުދަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ލިބޭ ފުރުސަތުތަކާއި ދިމަވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން، ތައުލިމާއި އާލީ އިންޓަވެންޝަނާ ސިއްހަތާއި އިޖްތިމާއީ ރައްކާތެރިކަމާއި ފިޒިކަލް އެސްކެސިބިލިޓީގެ އިތުރުން، ހަމަހަމަކަމާއި ތަފާތު ނުކުރުން ފަދަ ދާއިރާތަކުން މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ ވަނީ، ނުކުޅޭދުންތެރިކަން ހުންނަ ކުޑަކުދިންނަށް އެ ދާއިރާތަކުން ދިމާވާ ދަތިތައް ހައްލު ކުރެވިއްޖެ ނަމަ، އެކުދިންނަށާއި އެ ކުފިންގެ އާއިލާގެ އިތުރުން މުޖުތަމަޢަށް ލިބިގެންދާނެ ފަސޭހަތަކާއި ފައިދާތަކުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ.