10 May 2016, 13:08
ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު ފުލުހުންނަށް އެ ލޯންޗުކޮޅަށް އެރޭނީ އެމްއެންޑީއެފްގެ އީއޯޑީ ޓީމުން އެއަށް އަރައި ނިމުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ އޭރުގެ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވިދާޅުވި ކަމަށް ބުނެ ފުލުހަކު ހެކިބަސް ދީފި އެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ރައީސް ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް އިއްޒުންދީން ފާލަމާ ގާތް ކުރަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ފަޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ޕޮލިސް ޗީފް ސްޓޭޝަން އިނިސްޕެކްޓަރު އަހުމަދު އަޒުމަތު އަބްދުﷲ ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގުމާ އެކު ތަހުގީގު ކުރާ ފުލުހެއްގެ ހައިސިއްޔަތުން އިއްޒުންދީން ފާލަން ކައިރިއަށް އޭނާ ވަޑައިގެންނެވި ކަމަށެވެ.
އެތަނަށް ވަޑައިގަތުމަށް ފަހު ފުލުހުން ލޯންޗުކޮޅަށް އަރައިވަޑައިގަންނަން ބޭނުންވާ ކަމަށް އެތަނުގައި ހުރި ސިފައިންގެ މީހެއް ކަމުގައިވާ އަލީ ފާރޫގު ކައިރީ ދެންނެވި ކަމަށް އަޒުމަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސުވާލުގެ ޖަވާބުގައި އެ ހުއްދަދޭނީ ފަޔާޒު ކަމަށް ފާރޫގު ބުނި ކަމަށެވެ.
އެއަށް ފަހު އެސަރަހައްދުގައި ފަޔާޒު ހުންނަވަނިކޮށް ލޯންޗުކޮޅަށް އަރަން ބޭނުންވާ ކަމަށް ދެންނެވުމުން އެމްއެންޑީއެފްގެ އީއޯޑީ ޓީމް އަރައި ޗެކްކުރުމަށް ފަހު އެ ފުރުސަތު ފުލުހުންނަށް ދޭނެ ކަމަށް ފަޔާޒު ވިދާޅުވި ކަމަށް އަޒުމަތު ވިދާޅުވި އެވެ.
ފަޔާޒު އެހެން ވިދާޅުވުމުން އޭނާގެ މައްޗަށް ތިބޭ ވެރިންނަށް ގުޅައި އެވާހަކަ ދެންނެވުމުން އޭރުގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބު އެތަނަށް ވަޑައިގެން ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް ފެނިވަޑައިގަތް ކަމަށް އަޒުމަތު ވިދާޅުވި އެވެ.
އަޒުމަތު ވިދާޅުވީ އޭނާ އެތަނުގައި ހުންނަވަނިކޮށް ލޯންޗުކޮޅު ސިފައިންގެ އުޅަނދުތައް ބާއްވާފައި އޮންނަ ފައްތިއަލަށް ގެންދިޔުމަށް ފަޔާޒު ސިފައިންނަށް އެންގެވި ކަމަށާއި އަދި އެކަން އެގޮތަށް ކޮށްފައިވާ ކަމަށެވެ.
ސިފައިން ލޯންޗުކޮޅަށް އެރިފަހުން އޭނާ އަށް އެއަށް އަރާވަޑައިގަތުމުގެ ފުރުސަތު ލިބުނު ކަމަށާއި ފުލުހުން ލޯންޗުކޮޅަށް އެރި އިރު ކުށުގެ ވެށި އޮތީ އަސްލު އޮތް ގޮތަކަށް ނޫން ކަމަށް އަޒުމަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯންޗުކޮޅުގައި ހުރި ބައެއް ފަތިތައް މޫދުގައި ހުއްޓައި ފެނިވަޑައިގެންފައިވާ ކަމަށެވެ.
ސިފައިންގެ މީހެއް ކަމަށްވާ އަލީ ފާރޫގު ވެސް މިއަދު ވަނީ ހެކިބަސް ދީފަ އެވެ. ހެކިބަސް ދެމުން ފާރޫގު ބުނީ އޭރު އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގެ ޒިންމާދާރު ވެރިޔާ ކަމަށެވެ.
ފާރޫގު ބުނީ ލޯންޗުކޮޅުން ބާރު އަޑެއް އިވުނީ އޭނާ އޭގެ މަތީގައި ހުއްޓައި ކަމަށާއި އެއަށް ފަހު ތިރިއަށް ފޭބި އިރު ބައެއް މީހުން ހަޅޭލައްވައި ރޮމުން ދިޔަ ކަމަށެވެ. އެވަގުތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ ހިތްހަމަޖެހިލައިގެން ކަމަށް އޭނާ ބުންޏެވެ.
ހާދިސާ ހިނގިތަނުން ފައްތިއަލަށް ލޯންޗުކޮޅު ގެންދިޔައީ ފަޔާޒު އަންގަވައިގެން ކަމަށް ހެކިބަސް ދެމުން އޭނާ ވެސް ވަނީ ބުނެފަ އެވެ.
ހާދިސާ ހިނގިއިރު ލޯންޗުކޮޅު ދުއްވި ސިފައިންގެ މީހާގެ ހެކިބަސް ވެސް މިއަދު ވަނީ ނަގައިފަ އެވެ. އޭނާ ބުނީ ފައްތިއަލަށް ލޯންޗުކޮޅު ގެންދިޔުމަށް އޭނާ އަށް އެންގީ އަލީ ފާރޫގު ކަމަށެވެ.
ދިފާއީ ވަކީލު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ އެއް ވެސް މީހަކު މެދުވެރިކޮށް ފަޔާޒު އޭނާ އަށް އެއްވެސް އެންގުމެއް އަންގާފައިވާކަމެއް ނޭނގޭ ކަމަށެވެ.
އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކީންގެ ހެކިބަސް ނެގުން މިއަދު 2:00 ގައި އޮންނާނެ އެވެ.