10 May 2016, 13:29
ރާއްޖޭގައި ބޮޑެތި ޕަބްލިކް އިންފްރާސްޓްރަކްޗަރު މަޝްރޫއުތައް، ބޭރުގެ ލޯނުތަކުގެ އެހީގައި ކުރިޔަށް ގެންދާ އިރު، ރާއްޖޭގެ ދަރަނި ވަރަށް ބޮޑުވެ، އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސާދާ ބެހޭ ގޮތުން ވޯލްޑް ބޭންކުން އޭޕްރިލް މަހު އާންމު ކުރި "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް: ފޭޑިންގް ޓެއިލްވިންޑްސް"ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޚަރަދުތައް ވަރަށް ބޮޑެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ، މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނާއި ހެލްތު އިންޝޫރަންސް ފަދަ ރާއްޖޭގެ ރިކަރަންޓު ޚަރަދުތައް އެއްވަރަކަށް ހިފެހެއްޓި، ސަބްސިޑީގެ ގޮތުގައި ކުރަމުން ދިޔަ ބައެއް ޚަރަދު ކަނޑާލުމަށް ނިންމާފައިވީ ނަމަވެސް، ޚަރަދު ބޮޑު، ބޮޑެތި މަޝްރޫއުތަކެއް ވެސް ހިމެނިފައިވާ ކަމަށެވެ.
"ބަޖެޓުގައި ހިމެނޭ ގިނަ އަހަރުތަކަކަށް ދެމިގެންދާ ފަދަ ބޮޑެތި އިންވެސްޓްމެންޓް މަޝްރޫއުތަކެއް. އޭގެ ތެރޭގައި އެއާޕޯޓް ބޮޑުކުރުމާއި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖުގެ މަޝްރޫއު އާއި ހުޅުމާލޭގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫއު ހިމެނޭ،" ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެ އެވެ.
އެއްފަހަރާ ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ ލޯނު އެހީ ހޯދި ނަމަވެސް، އެކަމުގެ ނޭދެވޭ އަސަރު ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެ އެވެ. އަދި މިހާރު ވެސް ރާއްޖޭގެ ޖީޑީޕީ އަށް ވުރެ ދަރަނި ބޮޑުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިދިޔަ އަހަރު ހުރީ 73.1 ޕަސެންޓްގަ އެވެ. އަދި އެ އަދަދު މި އަހަރު ނިމޭ އިރު 83.1 ޕަސެންޓަށް އަރައި 2018 ވަނަ އަހަރާ ހަމަ އަށް ދާ އިރު އެ އަދަދު 109 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ދައުލަތުގެ ޚަރަދުތައް އިތުރުވެ، ބަޖެޓާ ނުބައްދަލު ވުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުނާ އިރު، ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަމަލު ކުރަމުންދާ ފިސްކަލް ޕޮލިސީތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމާ މެދު އެ ބޭންކުން ސުވާލު އުފައްދަ އެވެ.
"އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކެއް މިވަގުތު ރާއްޖެ އަށް ބޭނުންވޭ. ރާއްޖޭގެ ދައުލަތުގެ ރިޒާވް ދަށްވެ، ދަރަނި ބޮޑުވުމަކީ މިކަމަށް އޮތް ނުރައްކަލެއް،" ވޯލްޑް ބޭންކުން ބުނެ އެވެ.
އެ ބޭންކުގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، ޖީޑީޕީ މިދިޔަ އަހަރު، އޭގެ ކުރީ އަހަރަށް ވުރެ، 1.9 ޕަސަންޓް ދަށްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބަކަށް ބުނެފައި ވަނީ ޗައިނާ އާއި ރަޝިއާ އިން ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދަށް ވުމުގެ އިތުރުން، ރާއްޖޭގައި ނޮވެމްބަރު މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ އެކު ގިނަ އަދަދެއްގެ ފަތުރުވެރިން އެމީހުންގެ ރިޒަވޭޝަން ކެންސަލު ކުރުން ކަމަށެވެ.