10 May 2016, 13:41
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހަ އިން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ސަރުކާރުގެ 10 ތަނަކުން ބައިވެރިވެއްޖެ އެވެ.
ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާ އަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ އެ ސުކީމަކީ މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ ސުކީމެކެވެ.
ހައްޖު ކޯޕަރޭޝަނުން ފަށާފައިވާ އެ ސުކީމުގައި މިހާތަނަށް ސަރުކާރުގެ ހަ އިދާރާއަކާއި ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.
އެ ސުކީމުގައި އެންމެ ފަހުން ބައިވެރިވި ސަރުކާރުގެ އިދާރާތަކަކީ އައިޖީއެމްއެޗް އަދި އެމްޕްލޯއިމެންޓް ޓްރިބިއުނަލް އެވެ. އެ ދެ އިދާރާއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެވެ.

މުވައްޒަފުންގެ ސުކީމުގައި އައިޖީއެމްއެޗް އިން ބައިވެރުމުގެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނާ އެކު ސޮއިކުރަނީ --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
އެ ސުކީމުގައި މިހާތަނަށް ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އައިޖީއެމްއެޗް އާއި އެމްޕްލޯއިމެންޓް ޓްރިބިއުނަލްގެ އިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން ކަސްޓަމްސް އިން ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެއާޕޯޓްސް ކޮމްޕެނީ އާއި އެސްޓީއޯގެ އިތުރުން އެޗްޑީސީ އަދި ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ވަނީ އެ ސުކީމުގައި ބައިވެރިވެފަ އެވެ.