10 May 2016, 12:45
ހަވީރު ނިއުސް އެޖެންސީ އާއި ހަވީރާ ގުޅުން ހުރި ހުރިހާ މުދަލެއްގެ މައުލޫމާތު 10 ދުވަސްތެރޭ ކޯޓަށް ހުށަހެޅުމަށް ހަވީރު މީޑިއާ ގުރޫޕަށް ސިވިލް ކޯޓުން އަންގައިފި އެވެ.
ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާ ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ސާފު ފައިދާގެ ބައި ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގަޒީ މުހައްމަދު ހަލީމް ވިދާޅުވީ ހަވީރު ނޫހާއި އޮންލައިން އަދި އެ ތަކެއްޗާ ގުޅުން ހުރި މުދަލުގެ މައުލޫމާތު ހުށަހެޅުމަށް މީގެ ކުރިން ވެސް ކޯޓުން ހަވީރު މީޑިއާ ގްރޫޕަށް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެންގުމުން ހަވީރު މީޑިއާ ގުރޫޕުން ބުނެފައި ވަނީ ހަވީރު ނޫހާއި އޮންލައިނަކީ ވެސް ހަވީރު މީޑިއާ ގުރޫޕުގެ ތަކެތި ކަމަށާއި އެހެންވެ އެތަކެއްޗާއި މުދަލާ ބެހޭ މައުލޫމާތު ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ނުފެންނަ ކަމަށެވެ.
ގާޒީ ހަލީމް ވިދާޅުވީ ހަވީރު ނިއުސް އެޖެންސީގެ މިލްކުވެރިކަމާ ބެހޭ މައްސަލަ 2013 ވަނަ ކޯޓަށް ހުށަހެޅި އިރު ހަވީރު ނޫހާއި އޮންލައިނަކީ ހަވީރު ނިއުސް އެޖެންސީގެ ތަކެތި ކަމަށާއި ހަވީރު މީޑިއާ ގުރޫޕުގެ ދަށަށް އެތަކެތި ބަދަލުކޮށްފައި ވަނީ ކޯޓުގައި ޝަރީއަތް ހިނގަމުން ދަނިކޮށް ކަމަށެވެ. އެހެންކަމުން އެތަކެތީގެ މައުލޫމާތު 10 ދުވަސްތެރޭ ކޯޓަށް ހުށަހެޅުމަށް ގާޒީ ހަލީމް ވަނީ ހަވީރު މީޑިއާ ގުރޫޕަށް އަންގައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަވީރު މީޑިއާ ގްރޫޕުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓަކުން ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގްރޫޕުގެ ތަކެތި ނޫންކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ހަވީރު ނޫހާއި އޮންލައިނަކީ ހަވީރު މީޑިއާ ގްރޫޕުގެ ތަކެތި ނޫން ކަމަށް ބުނެވެން ނެތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެވާހަކައާ ގުޅިގެން ގާޒީ ހަލީމް ވިދާޅުވީ ސިވިލް ކޯޓުގައި އެމައްސަލައިގެ ޝަރީއަތްތައް ކުރިއަށް ދިޔަ އިރު ވެސް އަދި ހައިކޯޓުގައި މައްސަލަތައް ކުރިއަށް ދިޔައިރު ވެސް ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ހަވީރު ނޫހައި އޮންލައިނަކީ އެބޭފުޅާގެ ތަކެތި ކަމަށް ބުނެ ކަމަށެވެ. އެހެންކަމުން ހަވީރު ނޫހާއި އޮންލައިން ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ދިޔަގޮތް ދެން އަންނަ އަޑުއެހުމެއްގައި ސާފުކޮށްދެން ގާޒީ ވަނީ އަންގަވައިފަ އެވެ.
"ހަވީރު ނޫހާއި އޮންލައިން ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ދިޔަގޮތް ދެން އަންނަ ޝަރީއަތުގެ މަޖިލީހެއްގައި ސާފުކޮށްދެން ޖެހޭނެ. އެއީ އެތަކެތި ހިބައިން ދިނީތޯ. ގަތީތޯ ނުވަތަ އެހެންވެސް ގޮތަކުން ލިބުނީތޯ،" ގާޒީ ހަލީމް ވިދާޅުވި އެވެ.
ހަވީރު ނޫހާއި އޮންލައިން ޑރ. ޒާހިރު ހުސައިން ބޭނުންނުވި ކަމުގައި ވިޔަސް ތިން ހިއްސާދާރުންނާ އެކު ހިންގުމަށް ކޯޓުން އަމުރުކޮށްދިނުމަށް ތިން ހިއްސާދާރުންގެ ވަކީލު އަބްދުﷲ ނަސީރު ވަނީ މިއަދު ކޯޓުގައި އެދިވަޑައިގެންފަ އެވެ. އެކަމާ ބެހޭ ގޮތުން ގާޒީ އެއްޗެއް ވިދާޅެއް ނުވެ އެވެ.
ހަވީރު މައްސަލައިގެ އިތުރު އަޑުއެހުމެއް ފެށޭ ހަފްތާގައި އޮންނާނެ ކަމަށާއި އެ އަޑުއެހުމުގައި އޮޑިޓްކުރުމަށް ހުށަހަޅާފައިވާ ލޯފާމާ އެކު ބައްދަލު ކުރުން އޮންނާނެ ކަމަށް ގާޒީ ހަލީމް ވަނީ ވިދާޅުވެފަ އެވެ.
ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.
ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.