ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލެއިން ހައުސިން ޔުނިޓުތައް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ބިންތަކުގައި އެއްވެސް މިންވަރަކަށް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެފަދަ މަޝްރޫއުތައް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން އާއްމުންނަށް ހައުސިން ޔުނިޓުތައް ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުގެ ފަރާތުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެއްމެދު އިމާރާތުގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅިގެން އެފަދަ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތައް އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ.

"މި ކޯޕަރޭޝަނުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 'ޑިވެލޮޕްމަންޓް އެންޑް ސޭލްސް ރައިޓްސް'ގެ ދަށުން އިމާރާތް ކުރާ ފަރާތަށް ހައުސިން ޔުނިޓުތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުން އިމާރާތުގެ ސުޓްރަކްޗާގެ ވަކި މިންވަރެއް އިމާރާތް ކުރުމުން މި ކޯޕަރޭޝަން ހުއްދަ ލިބިގެން ކަމަށްވެފައި އެ މިންވަރަށް އިމާރާތުގެ މަސައްކަތް ނުނިންމާ ހައުސިން ޔުނިޓުތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދާ ނަމަ އެއީ އެއްބަސްވުމާ ހިލާފަށް އެ ފަރާތުން ކުރާ ކަމެއްކަން މި ކޯޕަރޭޝަނުން ފާގަހަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ހައުސިން ޔުނިޓުތައް ވިއްކުމުގައި އަމަލުކުރަން ޖެހޭ އުސޫލު އެހެން އޮތް ކަމުގައިވީ ނަމަވެސް އެއްބަސްވުމުގެ ދަށުން ބުކިން ފީއެއްގެ ގޮތުގައި އިމާރާތް ކުރާ ފަރާތުން ހައުސިން ޔުނިޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުގެ އަތުން ގިނަވެގެން ނެގޭނީ 50،000 ރުފިޔާ ކަމަށާއި އެކަން ހައުސިން ޔުނިޓުތައް ގަންނަ ފަރާތްތަކުގެ މައުލޫމަތަށްޓަކައި ދަންނަވާ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓުތަކުގައި އިމާރާތް ކުރާ ހައުސިން ޔުނިޓުތައް ގަންނަ ފަރާތްތަކުން އިމާރާތް ކުރާ ފަރާތްތަކާ އެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.