10 May 2011, 15:15
ދައުވާ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި ނެތް ފަރާތްތަކުގެ މައްސަލަ ނުބަލަން ފެމިލީ ކޯޓުން ނިންމި ނިންމުން ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ހުށަހަޅުއްވެވި އެ މައްސަލަ ހައި ކޯޓުން ބަލައި މިއަދު މައްސަލަ ނިންމެވިއިރު ހުކުމުގައި ބުނަނީ ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ތައާރުޒުވާ ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދައިގެ ތަރަހައިގެ ބޭރުން ކަމަށެވެ.
ހައިކޯޓުން މި ގޮތަށް ނިންމެވީ މައްސަލަ ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް މާލޭގައި ނުވާ ނަމަ އެ މައްސަލައެއް ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމާފައިވާ ނިންމުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ތައާރުޒުވާ ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދައިގެ ތަރަހައިގެ ބޭރުން ކަމަށް ދައުވާ ކުރާ ފަރާތުން ބުނެ، އެއީ ކޯޓުތަކުގެ ގާނޫނުގެ 69 ވަނަ މާއްދާއިން ފެމިލީ ކޯޓަށް ލިބޭ އިހުތިސާސްތައް ހަނި ކުރެވޭ، އެ ގާނޫނާ ވެސް ތައާރުޒުވާ ނިންމުމެއް ކަމަށްވާތީ އެ ނިންމުން ބާތިލް ކޮށްދެއްވުމަށް އެދުމުންނެވެ.
އަދި އެ ދައުވާގައި ބުނެފައި ވަނީ ފެމިލީ ކޯޓުން އެގޮތަށް ނިންމާފައި ވަނީ ފެމިލީ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ކުރީގެ އާއިލާއާ ބެހޭ ކޯޓުގެ ހުރިހާ މައްސަލައެއް ވެސް ހިމަނާފައި ވަނިކޮށް ކަމަށެވެ. އަދި ފެމިލީ ކޯޓުން އެ ގޮތަށް ނިންމުމުން ކޯޓުތައް ބޭނުން ކުރުމުގައި އާންމުންނަށް ވަރަށް ދަތިވެ، ކޯޓުތައް ބޭނުން ކުރުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްވެވި ހުކުމުގައި ބުނަނީ ފެމިލީ ކޯޓްގެ އިއުލާންގައި ކޯޓްތަކާބެހޭ ގާނޫނުގެ ކޯޓްތަކުގެ ސަރަހައްދީ އިހުތިސޯސް ކަނޑައަޅާފައިވާ އެ ގާނޫނުގެ ހަވަނަ ބާބުގެ 69 ވަނަ މާއްދާ މާނަކޮށްފައި ވަނީ އެމާއްދާގެ އެކި އަކުރުތަކަށް ރިޔާއަތް ކުރުމެއް ނެތި، ކޯޓްތަކުގެ ސަރަހައްދީ އިހުތިސޯސް ކަނޑައެޅުމުގެ މަގުސަދާ ފުށު އަރާ ގޮތެއްގައި ހަމައެކަނި ލަފުޒީ މާނައަށް ބަލައިގެން ކަމަށެވެ. އަދި ބުނަނީ ފެމިލީ ކޯޓުން އެގޮތަށް މާނަ ކުރުމުން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން މާނަ ކުރުމާއި ލިބިދިނުމާއި ގުޅޭ ކަންތައް މާނަ ކުރުމަށް ގާނޫނު އަސާސީގެ 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުސޫލު ނެގެހެއްޓިފައި ނުވާ ކަމަށެވެ.
"... ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ )ހ(އިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއި ހާމަ ކަމާއިއެކު ކޮންމެ މީހަކާމެދު ޝަރީއަތް ކުރުމަށް އޮތް އަސާސީ ހައްގު ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އެޅި ދިވެހި ރާއްޖޭގެ ކޯޓްތަކާބެހޭ ގާނޫނުގެ ޖަދުވަލު ތިނެއްގައި ކަނޑައަޅާފައިވާ ފެމިލީ ކޯޓުގެ އިހުތިސޯސް ހަނިކުރެވިގެންދާ ކަމަށްޓަކައި ފެމިލީ ކޯޓްގެ އިއުލާނުން ދައުލިބާ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓުތަކަށް އިހުތިސޯސް ލިބިފައިވާ އާއިލީ މައްސަލަތައް ފެމިލީ ކޯޓުން ބަލައި ނުގަނެވޭނެ ކަމަށް އެކޯޓުން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިވެހި ރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 69 ވަނަ މާއްދާގެ ހ. ގައި ބުނާ ދާއިމީ އެޑްރެސް އާއިލާއާބެހޭ ކޯޓުގެ ސަރަހައްދީ އިހުތިސޯސްގެ ބޭނުމަށް މާނަ ކުރެވެންޖެހޭނީ އަސާސީ ހައްގުތަކުގެ ދާއިރާ ހަނި ނުވާނެހެން އަދި އަދުލު އިންސާފަށް ފަސޭހައިން ވާސިލުވޭވޭނެ ގޮތެއްގެ މަތިން، އެމީހަކު ވަޒަންވެރިވެ ނުވަތަ އެތަނެއްގައި އެމީހަކު ދިރިއުޅުން އިހުތުޔާރުކޮށް ދާއިމީ ގޮތެއްގައި ދިރިއުޅެމުން އަންނަ ތަނެއް ކަމަށް މި މައްސަލަ ބެލި ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ހުކުމުގައި ވެއެވެ.