އުފާވެރި މުޖުތަމައުއެއް ގާއިމުކުރެވޭނީ ބޮޑެތިވަމުން އަންނަ ކުދިންނަކީ އުފާވެރި ބަޔަކަށް ހަދައިގެން ކަމަށާއި އެ ކުދިންގެ އުފާވެރިކަމަށް އެންމެ މުހިންމީ މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން އަނިލް ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިއަދު ދެއްވި ހިތާބެއްގައި ވިދާޅުވީ ކުޑަކުދިންނަށް އުފާވެރިކަން ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ އެކުދިންގެ މައިންބަފައިން، ނުވަތަ އެކުދިންގެ އާއިލާތައް ކަމަށެވެ.

އަދި އެ އުފާވެރިކަން ކުދިންނަށް އިހުސާސް ކުރެވޭނީ އެކުދިން ނިސްބަތްވާ އާއިލާތަކަކީ އުފާވެރި އާއިލާއަކަށް ވުމުގެ އިތުރުން، އެކުދިން ދިރިއުޅޭ ގެއަކީ އެ ކުދިންނަށް އުފާވެރި ތަނަކަށް ވެގެން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"މިކަން ކަށަވަރު ކުރުމަށް ޓަކައި ވަރަށް ގިނަ ކަންކަން ފުރިހަމަ ވާން އެބަ ޖެހޭ. އެންމެ މުހިންމު އެއްކަމަކީ ކުދިންގެ މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވުން. މަންމަ އާއި ބައްޕަ ހަމަޖެހުމާއި އުފާވެރިކަމާ އެކު އުޅޭތައް ފެނުމަކީ ކުދިންނަށް ލިބޭނެ އެންމެބޮޑު އެއް އުފާ،" އޭޖީ ވިދާޅުވި އެވެ.

މައިންބަފައިން އެކަކު އަނެކަކަށް އިހުތިރާމްކޮށް އެހީތެރިވެދީ އުޅޭ މަންޒަރު ކުދިންނަށް ފެނުމަކީ އެކުދިންގެ ތަރުބިއްޔަތަށް އާދަޔާ ހިލާފު ހެޔޮ އަސަރެއް ކުރާނެ ކަމެއް ކަމަށް ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ ކުދިން ދެކެ މައިންބަފައިން ލޯބިވާކަން އެކުދިންނަށް އިހުސާސް ވާނީ ކުދިންނާ ރަނގަޅު ގުޅުމެއް ބާއްވައިގެން ކަމަށެވެ.

އަދި އެ ގުޅުމަކީ ކުއްޖާ ބޭނުން ކޮންމެ ވާހަކައެއް ވެސް ހިއްސާކުރަން ފަސް ނުޖެހޭ ފަދަ ގޮތަކަށް އޮތް ގުޅުމަކަށް ވާންޖެހޭނެ ކަމަށް ވެސް އަނިލް ވަނީ ފާހަގަކުރައްވައިފަ އެވެ.

"މިފަދަ ގުޅުމެއް ކުދިންނާ އެކު ބޭއްވޭނީ އެ ކުދިންގެ ވާހަކަތައް އަޑުއަހަން މައިންބަފައިންނަށް ވަގުތު ދެވިގެން. ކުދިންނާ އެކު މައިންބަފައިން ދައްކާ ވާހަކަ އަކީ ހަމައެކަނި ނަސޭހަތް ދިނުން ކަމަށް ނުހަދާ އެކުދިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެވޭނެ ފަދަ ވާހަކަތައް ވެސް ދެއްކިގެން،" ހިތާބުގައި ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ކުދިންގެ މުނިފޫހިފިލުވުމަކީ މައިންބަފައިންގެ މުނިފޫހިފިލުވުމަށް ވެސް ހަދައި ކޮންމެ ދުވަހަކު ވެސް ކުދިންނާ އެކު ވާހަކަދައްކައި މަޖާކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލެވޭ ނަމަ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފެނިގެންދާނެ ކަމަށް އަނިލް ވަނީ ވިދާޅުވި އެވެ.

އަނިލް ވަނީ މުޖުތަމައު އިން ކުދިން ދަސްކުރާ ކަންތައްތަކުގެ ސަބަބުން، އެކުދިންގެ އުޅުމަށާއި އަހުލާގަށް އަންނަ ބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ކުދިންނަކީ އެކުދިންގެ މާހައުލުން ކަންކަން ދަސްކުރާ ބަޔަކަށްވީ އިރު، ބޮޑެތި މީހުންގެ ފަރާތުން އެކުދިންނަށް ކޮންމެ ކަމެއްގައި ވެސް ރީތި ނަމޫނާ ފެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައު އިން ފެންނަ މަންޒަރު ވަރަށް ތަފާތު. އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ބަދަލުގައި އެކެއްގެ ފަރާތުން އަނެކަކަށް މަލާމާތާއި ފުރައްސާރަކުރުމުގެ ބަސްތައް ރައްދު ކުރާ މަންޒަރު ފެނުން މިވަނީ އާންމުވެފައި،" އަނިލް ފާހަގަކުރެއްވި އެވެ.

އެހެންކަމުން އާއިލާގެ އިތުރުން މުޖުތަމައުއަކީ ވެސް ރަނގަޅު ނަމޫނާ ދައްކާ، ރަނގަޅު ސިފަތަކެއް ކުރިއަރުވަން މަސައްކަތް ކުރާ މުޖުތަމައުއަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ވަކިވަކި ފަރުދުންނާއި މީޑިއާއިން ވެސް ޒިންމާދާރުވުމަށް އަނިލް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"އެފަދަ ކަންކަން ކުދިންގެ ފަރާތުން ހަގީގަތުގައި ވެސް ފެންނަން ބޭނުން ނުވާ ނަމަ އެފަދަ އަމަލުތަކާ ފުރަތަމަ ދުރުވާން ޖެހޭ ބަޔަކީ އަޅުގަނޑުމެން ބޮޑެތި މީހުން ކަމުގައި ވާން ޖެހޭ." އަނިލް ވިދާޅުވި އެވެ.