ތެހެރާން (މޭ 10): ސީރިއާގެ ރައީސް، ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކުން ހަނގުރާމަ މެދުކަނޑާލަން ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމު ނުކުރާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން އެހެން ބުނެފައި ވަނީ ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެ ގައުމުގައި ތިބި އަސްކަރީ އެޑްވައިޒަރުންތަކެއް މަރާލި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ)ން ބުނުމުންނެވެ.

"ސީރިއާއަށް ހަމަޖައްސާފައިވާ އީރާނުގެ އަސްކަރީ އެޑްވައިޒަރުންތަކެއް ވަނީ ޝަހީދުކޮށްލާފަ. އެއީ ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރަން ހާއްސަ ގޮތްތަކެއް ހަމަޖައްސާފައި ނުވާ ކަމުގެ ނިޝާނެއް،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ހުސެއިން ޖާބިރު އަންސާރީ ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކަކީ އެއްބައެއް ނޫން ކަމަށާއި އޭގެ ތެރޭގައި ބައެއް ޓެރަރިސްޓު ޖަމާއަތްތައް ވެސް ހިމެނޭ ކަން އަންސާރީ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެ ގުރޫޕުތަކުން ބައިނަލްއަގުވާމީ އެއްބަސްވުމަކާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށާއި އެ ގްރޫޕުތަކުން މަސައްކަތް ކުރާނީ އެމީހުންގެ އަމިއްލަ ފައިދާއަށް ކަމަށް އަންސާރީ ވިދާޅުވި އެވެ.

ސީރިއާގެ އަލެއްޕޯގެ ދެކުނުގައި އޮންނަ ޚާން ތޫމާންގައި ހިނގި ހަމަލާ ބަދަލު ކުރުންތަކެއްގައި އީރާނުގެ 13 އަސްކަރީ އެޑްވައިޒަރަކު މަރާލާފައިވާ ކަމަށް އައިއާރުޖީސީން ބުނެފައި ވަނީ ހޮނިހިރު ދުވަހެވެ. އައިއާރުޖީސީގެ ބަޔާނުގައިވާ ގޮތުން އެހަމަލާތަކުގައި އީރާނުގެ 21 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ސީރިއާގެ ދެ ވަނައަށް އެންމެ ބޮޑު ސަހަރު ކަމަށްވާ އަލެއްޕޯގެ އެކި ސަރަހައްދުތައް މިހާރު ވަނީ ސަރުކާރުގެ އަސްކަރިއްޔާ އާއި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. (އައިއޭއެންއެސް)