10 May 2016, 11:10
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން "ކުޑަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަސް" މިއަދުން ފެށިގެން ފާހަގަ ކުރަން ފަށައި، މިއަދު ހަވީރު 6:00 އާ ހަމައަށް ކުޑަކުދިން ބައިވެރިކޮށްގެން ޚަބަރާއި ޕްރޮގްރާމްތައް ގެނެސްދޭން ފަށައިފި އެވެ.
ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން މީގެ ކުރިންވެސް ވަނީ ކުޑަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަސް ފާހަގަ ކޮށްފަ އެވެ. ނަމަވެސް އެ ދުވަސް ފާހަގަ ކުރީ ކުޑަކުދިން ބްރޯޑްކާސްޓް ކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގަ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޕީއެސްއެމްއިން ކުޑަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަސް މިއަދު ފާހަގަ ކުރަން ފެށީ ޕީޕީއެސްއެމްގެ ބޯޑުން އެގޮތަށް ނިންމުމާ ގުޅިގެންނެވެ.

ޕީއެސްއެމްގެ ޗެނަލެއްގެ ޕްރޮގްރާމެއްގައި ކުޑަކުއްޖެއް--
ޕީއެސްއެމްގެ ތަރުޖަމާނު އަދި ނިއުސް ޑިރެކްޓަރު އަބްދުﷲ ރަމީޒު "ސަން"އަށް ވިދާޅުވީ، ޕީއެސްއެމްގެ ހުރިހާ ޗެނަލެއްގެ ޚަބަރު ހެދުމާއި ޚަބަރު ޕްރެސެންޓު ކުރުމާއި ރިޕޯޓުތަކަށް އަޑު އެޅުމާއި ބްރޯޑްކާސްޓް ކުރުމާ ގުޅޭ ގިނަ ކަންކަމުގައި ކުޑަކުދިންގެ ވަރަށް ބޮޑު ދައުރެއް އޮންނާނެ ކަމަށެވެ.
ޕީއެސްއެމްއިން ހިންގާ ޗެނަލްތަކުގެ ތެރޭގައި ޓީވީއެމާއި މަޖިލީސް ޓީވީ އާއި ޔެސް ޓީވީ އާއި ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ދިވެހި އެފްއެމްއާ ދީނުގެ އަޑު ހިމެނެ އެވެ.

ޚަބަރު ކިޔުމާއި ޚަބަރު ހެދުމާއި ރިޕޯޓުތަކަަށް އަޑު އެޅުމުގައި ޕީއެސްއެމް އިން ސްކޫލް ދަރިވަރުން ބައިވެރިކޮށްފައިވޭ--
ރަމީޒް ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުމާއި ޕްރެޒެންޓް ކުރުމުގައި މާލޭގެ ހުރިހާ ސްކޫލަކުން 50އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ. އެ ކުދިން ބައިވެރިކޮށްގެން އުފައްދާ ޕްރޮގްރާމްތަކާއި ޚަބަރާއި ރިޕޯޓުތައް މިއަދު ހެނދުނުން ފެށިގެން ހަވީރު 6:00 އާ ދެމެދު ފެނިގެން ދާނެ ކަމަށެވެ.
"ގާތްގަނޑަކަށް ހަފްތާއެއް ވަރު ވެއްޖެ އެ ކުދިން، މިކޮޅަށް އައިސް ތަމްރީނު ހޯދައި، ޕްރެކްޓިސް ކުރަމުން ދާތާ،" ރަމީޒް ވިދާޅުވި އެވެ.

ޓީވީއެމްގެ 10 ގެ ޚަބަރު ހުށަހެޅުމުގައި ޖަމާލުއްދީން ސްކޫލުގެ ކުޑަކުއްޖެއް.
މީގެ އިތުރުން ރަމީޒް ވިދާޅުވީ، މިއަދު ޕީއެސްއެމުން ކުޑަކުދިންގެ ދުވަހާ، ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަސް ފާހަގަ ކުރަނީ ވަރަށް އާއިލީ ގޮތަކަށް ކަމަށެވެ. އެގޮތުން، މުވައްޒަފުން ކެޝުއަލް ހެދުމުގައި އޮފީހަށް އައިސްފައިވާ އިރު، އެ މީހުންގެ 18 އަހަރުން ދަށުގެ ދަރިން ވެސް އޮފީހަށް ގެނެސްފައިވާ ކަމަށް ރަމީޒް ވިދާޅުވި އެވެ.