ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރި "މެމޮރެންޑެމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އޮން ކޯޕަރޭޝަން އިން ސްޕޯޓް އެންޑް ޔޫތު އެފެއާޒް"ގެ ދަށުން ބޭއްވާ މޯލްޑިވްސް-އިންޑިއާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ދިވެހި 50 ޒުވާނުން އިންޑިއާއަށް ފުރައިފި އެވެ.

މިއަދުން ފެށިގެން އަށް ދުވަހަށް ކުރިއަށްދާ އެ ދަތުރުގައި ބައިވެރިވީ 45 ޒުވާނުންނާއި އިތުރުން ފަސް އޮފިޝަލުން ހިމެނޭ ގޮތަށް ޖުމްލަ 50 ބައިވެރިންނެވެ.

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އިންޑިއާގެ 50 ޒުވާނުން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އެ ދަތުރުގެ ސަބަބުން ރާއްޖޭގެ ޒުވާނުންގެ ހާލަތު ކައިރިން ބަލައިލުމުގެ ފުރުސަތު ލިބި، ރާއްޖޭގެ އާދަކާދައާއި ހެދުން އެޅުމާއި ސިޔާސީ މަސްރަހު ވަރަށް ގާތުން ފެނި ދަސްވިކަމަށް އިންޑިއާގެ ޒުވާނުން ވަނީ ފާހަގަކޮށްފަ އެވެ.

ދިވެހި ޒުވާނުން އިންޑިއާއަށް ކުރާ ދަތުރާ ގުޅިގެން ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، އެ ދަތުރުގައި އިންޑިއާގެ ފަސް ވަރަަކަށް ސިޓީއަށް ޒިޔާރަތްކޮށް އެތަންތަނުގެ ސަގާފަތާއި އާދަކާދަތައް ބަލައިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ސަގާފީ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމު ނިންމާލުމަށްފަހު ދިވެހި ޒުވާނުން އެނބުރި އަންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.