10 May 2016, 12:26
މެނީލާ (މޭ 10): ޝަރީއަތަކާ ނުލައި ކުށްވެރިން މަރާލާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވާތާ ހަ މަަސް ތެރޭގައި ކުށް ކުރުން އެއްކޮށް ހުއްޓުވާނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރިޔާސީ ރޭހުގައި ކެމްޕެއިން ކުރެއްވި ރޮޑްރީގޯ ޑުޓާޓޭ، އިއްޔެ އޮތް ރިޔާސީ އިންތިހާބުން ކުރި ހޯއްދަވައިފި އެވެ.
ވޯޓު ގުނުމުގެ ކަންތައްތައް ބަލަހައްޓަން ސަރުކާރުން ހަމަޖައްސާފައިވާ ގުރޫޕެއް ކަމަށްވާ ޕެރިޝް ޕޭސްޓޯރަލް ކައުންސިލް ފޯ ރެސްޕޮންސިބުލް ވޯޓިން (ޕީޕީސީއާރުވީ) ބުނި ގޮތުގައި މިހާތަނަށް 90 ޕަސެންޓު ވޯޓު ގުނާފައިވާ އިރު އޭގެ ތެރެއިން 39 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފައި ވަނީ ޑުޓާޓެ އެވެ.
ތޭވީސް ޕަސެންޓު ވޯޓާއެކު އިންތިހާބުގެ ދެ ވަނަ ހޯއްދަވައި، ފިލިޕީންސްގެ ނައިބު ރައީސަކަށް ހޮވޭނެ ކަމަށް ލަފާ ކުރެވިފައި ވަނީ މަނުއެލް ރޯހާސް އެވެ. އަދި 22 ޕަސެންޓު ވޯޓާއެކު އިންތިހާބުގެ ތިން ވަނަ ލިބިވަޑައިގަތީ ސެނެޓާ ގްރޭސް ޕޯއަށެވެ.
ބާވީސް އަހަރުވަންދެން ފިލިޕީންސްގެ ދެކުނުގައި އޮންނަ ޑަވާއޯ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ޑުޓާޓޭ ވަނީ އޭނާގެ ވެރިކަމުގައި ކޮރަޕްޝަނާއި މަސްތުވާތަކެތި ބޭނުން ކުރުން ނައްތާލައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުން އޭނާއަށް އެއްބަސް ނުވާނަމަ މަޖިލިސް އުވާލައްވާނެ ކަމުގެ އިންޒާރުދެއްވާފަ އެވެ.
މީގެ އިތުރުން، ޑޫޓާޓޭ ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައާ ބެހޭ ގޮތުން ޗައިނާއާ ވާހަކަ ދައްކަވާނެ ކަމަށާއި އެވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެ ނަމަ ޗައިނާއިން ހިއްކާ ރަށަކަށް އަރާ، އެރަށުގައި ފިލިޕީންސްގެ ދިދަ ނަންގަވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ރޭހުގައި ޑުޓާޓޭއާ ވާދަކުރެއްވި ހުރިހާ ފަރާތްތަކުން ވަނީ އޭނާ ގެންގުޅުއްވަނީ ގާނޫނާއި ޑިމޮކްރަސީއާ ހިލާފު ސިޔާސަތެއް ކަމަށް ވިދާޅުވެ، ޑުޓާޓޭއާ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕްއާ އެއްގޮތް ކުރައްވާފަ އެވެ.
ޑުޓާޓޭއަށް މިހާރު އިންތިހާބު ކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ "ހޭލާ ހުންނަ ވަގުތު މަސައްކަތް ކުރާ ގޮތަށް ނިދާފައި އޮންނަ ވަގުތުވެސް ކުރެވެން އޮތް އެންމެ ރަނގަޅަށް" މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ނޫސްއޭޖެންސީތައް)