ފަލަސްތީނުގެ މައްސަލައަށް ސަމާލުކަން ދޭ އާންމު ރައްޔިތުން އެމެރިކާ އާއި ޔޫރަޕްގައި ގިނަވެފައި ފަލަސްތީނު ރައްޔިތުންގެ ވޭނީ ހާލަތާމެދު ހުޅަނގުގައި ހަމްދަރްދީ އުފެދެމުންދާތީ އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަން އިސްރާއީލުގެ މަސްއޫލުވެރިން ހާމަކުރައްވައިފި އެވެ.

އިސްރާއީލުގެ ޚާރިޖީ ކަންތައްތަކާބެހޭ މަސްއޫލުވެރިއެއްކަމަށްވާ އޫމައިރާ ހާސް ވިދާޅުވީ ފަލަސްތީނު މީހުން ގެންދަނީ އެ މީހުންގެ މައްސަލަ އެމެރިކާ އާއި ޔޫރަޕްގައި "ވިއްކަމުން" ކަމަށާއި މިކަމުގެ ސަބަބުން ހުޅަނގުގެ އާންމުންގެ މެދުގައި އިސްރާއީލުގެ އަގުވެއްޓި އަދި އިސްރާއީލަކީ ކުށްވެރި ގައުމެއް ކަމަށް ދެކޭ މީހުން ހުޅަނގުގައި އިތުރުވަމުންދާ ކަމުގައެވެ.

އިސްރާއީލުގެ އިސް އަންހެން ޑިޕްލޮމޭޓް އުމައިރާ އިސްރާއީލުގެ ނޫހެއް ކަމަށްވާ "ހާއާޓްސް"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ފަލަސްތީނު މީހުން އެ މީހުންގެ މައްސަލަ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ނިޔުޔޯކާއި ލަންޑަނާއި ޕެރިހާއި ޓޮރޮންޓޯ އާއި ބާލިން އާއި ސްޓޮކްހޯމް އާއި އޮސްލޯ ފަދަ ހުޅަނގުގެ ބޮޑެތި ސިޓީތަކުގައި ވަރަށް ބޮޑެތި އެއްވުންތައް ބާއްވައި ވަރަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ ކަމުގަ އެވެ.

މިކަމުގައި އިސްކޮށް ހަރަކާތެރި ވަނީ ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ކަމަށާއި ނަމަވެސް އެ ގައުމުތަކުގައި ދިރިއުޅޭ އަރަބި އަދި އިސްލާމީ އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ފަލަސްތީނުގެ އެ ހަރަކާތްތަކުގައި ބައިވެރިވެ އިސްރާއީލު ބަދުނާމު ކުރަމުންދާ ކަމުގައެވެ. އެމެރިކާ އާއި ޔޫރަޕްގެ ގިނަ ރައްޔިތުން އިސްރާއީލަށް ތާއީދުކޮށް ފަލަސްތީނުގެ މައްސަލައާމެދު އަޅާނުލަނީ އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުގެ ހަރަކާތައް ހުޅަނގުގައި ވަރުގަދަވެފައި އެއާގާތްކުރާ ވަރުގެ ލޮބީ ހަރަކާތްތަކެއް ފަލަސްތީނު މީހުންނަށާއި އަރަބިންނަށް ހުޅަނގުގައި ކުރިޔަށް ނުގެންދެވޭތީ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ހުޅަނގުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކުން ހުޅަނގުގެ އާންމު ރައްޔިތުންނާއި ސިޔާސީ މީހުންގެ މެދުގައި ފަތުރާ ދޮގު ޕްރޮޕަގެންޑާތައް ބިނާވެފައިވަނީ އިސްރާއީލަކީ އަރަބި ދުނިޔޭގެ މެދުގައިވާ ކުށެއް ނެތް ނިކަމެތި ގައުމެއް ކަމަށާއި އަރަބިންނާއި މުސްލިމުން އުޅެނީ ޔަހޫދީން ދެކެ އަންނަ ރުޅިއާއި ނަފްރަތުގައި އިސްރާއީލު ވުޖޫދުން ފުހެލައި ނާޒީ ޖަރުމަނުގެ ލީޑަރު ހިޓްލަރު ޔަހޫދީންނާމެދު އަމަލުކުރިގޮތްފަދަ އަނިޔާވެރި އަދި އިހާނާތްތެރި ގޮތަށް އިސްރާއީލުގެ ޔަހޫދީންނާމެދު އަމަލުކުރުމަށެވެ.

އިސްރާއީލުން ހަނގުރާމަކޮށްގެން ފަލަސްތީނުގެ ބިންތަކާއި ސޫރިޔާގެ ގޯލާންފަދަ އަރަބި އެހެން ބިންތައް ގަދަބާރުން ހިފާފައިވާކަމާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ ހުރިހާ ބިންތަކެއް ދާއިމީ ގޮތަކަށް އަތްދަށުލުމަށް އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ހަގީގަތްތައް ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން ވަނީ ޔޫރަޕާއި އެމެރިކާގެ އާންމުންނަށް އޮޅުވާލާފަ އެވެ.

މިގޮތުން އިސްރާއީލުން ސުލްހައަށް ފުރަގަސްދީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ދެކޮޅު ހަދާ މައްސަލަ އާއި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އެކި ދުވަސްވަރު ހިންގާފައިވާ ގަތްލުއާންމުތަކާއި ލާއިންސާނީ ޖަރީމާތައް، ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ އިތުރުން އިސްރާއީލަށް ތާއީދުކުރާ ހުޅަނގުގެ މީޑިއާއިންނާއި ހުޅަނގުގެ އާންމުންނަށް ވަނީ މުޅިން އޮޅުވާލާފަ އެވެ. އިސްރާއީލުގެ އެހެން މަސްއޫލުވެރިއެއް ކަމަށްވާ ޙަޔީމް މަސްޣާފް ވެސް ވަނީ ފަލަސްތީނުގެ މައްސަލައަށް ސަމާލުކަން ދޭ އެމެރިކާ އާއި ޔޫރަޕްގެ އާންމުން ގިނަވާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިސްރާއީލުގެ "މައާރީފް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ މައްސަލަ އެމެރިކާ އާއި ޔޫރަޕްގައި "ވިއްކައި" އިސްރާއީލު ކުށްވެރިކުރުމަށް ހިންގާ ހަރަކާތްތަކުގައި އިސްރާއީލާ އިދިކޮޅު ޔަހޫދީންގެ ހަރުކުލައިގެ ޝަޚްސިއްޔަތުތައް ވެސް ބައިވެރިވާ ކަމުގަ އެވެ. މިއީ މިއީ ޔަހޫދީން ޔަހޫދީންގެ ގައިގައި ވަޅިންޖެހުންފަދަ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާ އާއި ޔޫރަޕްގެ އާންމުން ފަލަސްތީނު މައްސަލާގައި ދެކޭގޮތް ބަދަލުވާން ފަށާފައި ވަނީ ސޯޝަލް މީޑިއާ ތަޢާރަފްވެ ހުޅަނގުގައި ޔަހޫދީން އަތްގަދަ ކޮށްފައިވާ މީޑިއާގެ ވަސީލަތްތަކަށްވުރެ ސޯޝަލް މީޑިއާގެ ބާރުގަދަވުމާ ގުޅިގެންނެވެ.

އިސްރާއީލުގައި ޝާއިޢު ކުރެވޭ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގެ ބައެއް ސިޔާސީ ލީޑަރުން އަދި ޚާއްސަކޮށް އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ޕޮޒިޝަން އިސްރާއިލާ އިދިކޮޅަށް މިހާރު ބަދަލުވަމުންދަނީ އިސްރާއީލުގެ މަސްއޫލުވެރިންނަށް ޝޮކް ލިބޭ މިންވަރަށެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދައުލަތުގެ ހާލަތު އިސްރާއީލާ ދެކޮޅަށް މިހާ އަވަސްމިނެއްގައި ބަދަލުވަމުން ދިޔުމަކީ އެމެރިކާ ވެސް އިސްރާއީލާ ދެކޮޅަށް ބަދަލުވެގެން ދިޔުމުގެ ފުރްސަތު ބޮޑު ކަމެއްކަމަށް އިސްރާއީލުގެ ވެރިން ދެކޭ ކަމަށް ވެސް މި ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)