10 May 2011, 15:12
އެމްޕީއެލްގެ ގުދަނުގައި ބަހައްޓާފައި ހުރި ބައެއް ކާބޯތަކެއްޗާއި އެފަދަ އެހެން ބާވަތްތައް ހިމެނޭ ފޮށިގަނޑުތަކުގެ ތެރެއަށް ބުޅަލާއި މީދާވަދެ ހާލިހަދައި ތަކެތި ކައި، ހަލާކުކޮށްފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކެއް ލީކުވެއްޖެ އެވެ.
ސަން އަށް ލިބިފައިވާ އޭގެ ބައެއް ފޮޓޯ ތަކުން ފެންނަ ގޮތުން އެމްޕީއެލްގެ ގުދަނުގައި ހުރި ފިޔާ ބަސްތާ ތަކެއް ކައިރީ ބުޅަލެއް އޮންނަ ތަން ފެނެ އެވެ. އަދި ކުކުޅު ބިހާއި ޓޮމާޓޯތައް ގުދަނުގެ ތަޅުންމަތީގައި ހުރިއިރު ބިސްފޮށިގަނޑު ތަކެއް ހަލާކުކޮށް އޭގެ ޓްރޭތަކަށް މީދާ އަރައިގެން އުޅޭތަން ވެސް ފެނެ އެވެ.
ލީކުވެފައިވާ ފޮޓޯތަކާބެހޭ ގޮތުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް ހަސަން މުޒްނީ ވިދާޅުވީ އެކަހަލަ ބައެއް "އެކްސިޑެންޓް" ތައް ހިނގާ ކަމަށާއި އެފަދަ ފަހަރުފަހަރު، ކާބޯތަކެއްޗަށް ގެއްލުންވެސްވާ ކަމަށެވެ. އަދި އެގޮތަށް ހަލާކުވާ އެއްޗެހި ބޭނުން ނުކޮށް އުކާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުދާ ކްލިއާ ކުރަން އެމްޕީއެލްގެ ގުދަނުގައި ބަހައްޓާފައި ހުންނަ އެފަދަ މުދާ ހަލާކުވުމުން މުދަލުގެ ވެރިފަރާތަށް ބަދަލު ދިނުމުގެ އުސޫލު އޮންނަނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން މުޒްނީ ވިދާޅުވީ އެކަން އޭނާވެސް ޖެހޭނީ ސާފު ކޮށްލަން ކަމަށެވެ. ނަމަވެސް ފަހުން ތަކުރާރުކޮށް ގުޅުމުން ވެސް މުޒްނީ ވަނީ ފޯނު ބިޒީ ކޮށްލާފަ އެވެ.