10 May 2016, 11:31
ކުޑަކުދިން ލައްވައި ޖިނާއީ ކުށްތައް ކުރަމުންދާ މަންޒަރު ފެންނަމުން އަންނަ ކަމަށާއި، އެކަން ހުއްޓުވުމުގައި އެންމެން އަތުކުރި އޮޅާލަން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުށެއް ނެތް މައުސޫމް އެތައް ކުދިންނަކަށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށް އެ ކުދިންގެ މުސްތަގުބަލު އަނދިރިކަމުގެ ތެރެއަށް ފޮނުވާލުމުގެ ނާތަހުޒީބު އަމަލުތަކާއި، ތުއްތު ކުދިންނަށް އިހުމާލުވެ އިހާނެތި އެތައް އަނިޔާއެއް ކުރެވިގެންދާތަން ވެސް ދިވެހި މުޖުތަމައު އިން ފެންނަމުން އަންނަ ކަމަށެވެ.
"..އަޅުގަނޑުމެންގެ ކުޑަކުދިންނާ ޅަދަރިންނަށް މިމުޖުތަމައުން ލިބެމުންދާ އަނިޔާތަކުންނާއި ޖިނާއީ ކުށްތަކަށް އަރައިގަތުމަށް އެކުދިންނަށް މަޖުބޫރު ކުރުވުން ހުއްޓުވުމުގައި އަތުކުރި އޮޅާލަން ވަނީ ޖެހިފައެވެ،" ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މުޖުޖަމައުގެ ކުރިމަގު އުޖާލާކޮށް، މުޖުތަމައުއަށް ފައިދާހުރި ހުނަރުވެރި، ޖީލެއް އުފެއްދުމުގައި ކުޑަކުދިންގެ ހިއްސާ ބޮޑު އިރު، ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ނަފްސު ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.
"ކުޑަ ކުދިންގެ ހައްގުތަކަށް ރައްކާތެރިނުވެ، ކުޑަ ކުދިންނާމެދު އިހުމާލުވާނަމަ އެ މުޖުތަމައުއެއްގެ މުސްތަގުބަލު ގެއްލި ހަލާކުވެދާނެ ކަން ޔަގީނެވެ،" ފުލުހުން ބުނެފައިވެ އެވެ.