10 May 2016, 10:43
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓީންގ ކޮމްޕެނީ (އެމްޓީސީސީ)ގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، މިހިނގާ މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އެމްޓީސީސީއިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، އެ ޖަލްސާ އޮންނާނީ 23 މެއި ވާ ހޯމަ ދުވަހުގެ ރޭ 9:00 ގައި، ހޮޓެލް ޖެންގައި ކަމަށެވެ.
އެ ކުންފުނިން ބުނީ، އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި ޖަލްސާގައި، އެމްޓީސީސީގެ މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާ، މާލީ ބަޔާންތަކުގެ އިތުރުން ޑިރެކްޓަރުން އައްޔަނު ކުރުމާއި އޮޑިޓަރުން ފާސްކުރުމާއި، ހިއްސާ ބެހުމާ މެދު ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމުން ކުރިޔަށް ދާނެ އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި މޫނު މަތީގެ އަގު 50 ރުފިޔާގެ ހިއްސާއަކަށް 22 ރުފިޔާ ބެހުމަށް ހުށަހެޅުމަށެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިދިޔަ މަހުގެ ތެރޭގައި "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން (އެމްޓީސީސީ) ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އަޅުގަނޑުމެންގެ ފައިދާ މި ވަނީ 2014 ވަނަ އަހަރަށް ވުރެ އިތުރުކޮށްފައި. 2014 ވަނަ އަހަރު އަޅުގަނޑުމެން ބެހީ ހިއްސާއަކަށް 10 ރުފިޔާ ޖެހިފައި އިންނައިރު އޭގެ ޑަބަލް ބޮޑުކޮށް މިފަހަރު ހިއްސާއަކަށް މި ދެނީ،" ހަލީމް ވިދާޅުވި އެވެ.