ކުޑަކުދިންނަށް އަމާން އޮމާން އުފާވެރި ދިރިއުޅުމެއް ފޯރުކޮށްދެވޭނީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެން ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަން ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ވަނީ އަލަށް އެކުލަވާލެވިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލު ވީހާވެސް އަވަހަކަށް ފާސްކޮށް ގާނޫނަކަށް ހެދުމަށް ގޮވާލައިފަ އެވެ.

"އަދި މިބިލު ފާސްކުރާއިރު، ކުޑަކުދިންގެ ހައްގުތަކާއި އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ އަދި ތައުލީމާ ގުޅުން ހުރި އެންމެހާ ކަންތައްތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކޮށް މި ބިލުގެ ތެރެއިން އެކަންކަން ކަށަވަރުކޮށްދީ ތަންފީޒުކުރެވޭނެ އުސޫލުތަކެއް ގާއިމުކުރުމަށް ވެސް މިކޮމިޝަނުން ގޮވާލަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ ރާއްޖޭގައި ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ކަންތައްތަކެއް ދައުލަތުން ކޮށްފައިވާކަން އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އިން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޓީގެ ކޮންކްލޫޑިންގް އޮބްޒަވޭޝަން ރިޕޯޓުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއަޅައިދޭ ބައެއް މުއާހަދާތަކުގައި ބައިވެރިވެފައިވާކަމާއި، މުހިއްމު ގާނޫނުތައް ވުޖޫދަށް އައިސްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ހަމަ އެއާއެކު، ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިކަންވެސް ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައިވެސް ކުޑަކުދިންގެ ޙައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ފުރިހަމައަށް ތަންފީޛުކުރުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާބެހޭ ބިލު ވީ އެންމެ އަވަހަކަށް ފާސްކޮށް އަމަލުކުރަން ފެށުން ހިމެނެ އެވެ.

އެޗްއާރްސީއެމް އިން ވަނީ ކުޑަކުދިންނަށް ދޭންވާ ރައްކާތެރިކަމާއި އޯގާތެރިކަންދިނުމަކީ ދައުލަތުގެ އިތުރުން އެކުދިންގެ މައިންބަފައިންނާއި، ބަލަދުވެރިންނާއި އާންމުކޮށް މުޅި މުޖުތަމައުގެ ޒިންމާއަކަށް ވީއިރު، އެންމެހާ ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާ ކުރުމަށް އިލްތިމާސްކޮށްފަ އެވެ.