10 May 2016, 09:44
ލިޔުންތެރިކަމުގެ ބައެއް ބާވަތްތައް އެއްކޮށްލައިގެން ލިޔުންތެރިކަމުގެ ގައުމީ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް ދިވެހިބަހުގެ އެކަޑަމީން ބުނެފި އެވެ.
ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ރޭ ސަން އަށް ވިދާޅުވީ، ލިޔުންތެރިކަމުގެ ބާވައްތަކަށް ވަކި މުބާރާތްތަކެއް ބޭއްވުމަކީ ދަތި ކަމެއް ކަމަށެވެ. އެގޮތުން މިހާރު ބާއްވަމުން އަންނަ ވަކިވަކި މުބާރާތްތައް އެއް މުބާރާތެއްގެ ދަށަށް ގެނެސް، އަންނަ އަހަރުން ފެށިގެން ލިޔުންތެރިކަމުގެ ގައުމީ މުބާރާތެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި އަދަބިއްޔާތު އިތުރަށް މުއްސަނދިކޮށް ކުދިންގެ ކިބައިގައި ހުރި ގާބިލިއްޔަތުގެ ތެރެއިން އެ ކުއްޖަކަށް ލިބިފައިވާ ހުނަރެއް ދެއްކުމުގެ މަގްސަދުގައި ބާއްވާ އެ މުބާރާތް ބާއްވާނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކަމަށް އެކަޑަމީގެ ރައީސް ވިދާޅުވި އެވެ.
"ލިޔުންތެރިކަމުގެ ގައުމީ މުބާރާތެއް ބާއްވަން ނިންމީ، ލިޔުންތެރިކަމުގެ ގިނަ ބާވައްތަކަށް ފުރުސަތު ހުޅުވާލުމަށް. އެގޮތުން މިހާރު މުބާރާތްތައް ބާއްވާ މަޒުމޫނާއި ވާހަކައިގެ އިތުރުން ބަޔޮގުރަފީ ދަތުރުނާމާ ފަދަ ލިޔުންތެރިކަމުގެ ބާވައްތައް އެ މުބާރާތުގެ ތެރެއިން ލިޔެވޭނެ،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މުބާރާތުގައި ތަފާތު ގިންތިތަކެއް އިތުރުކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނުވަތަ ތަފާތުގޮތަކަށް ކުޅަދާނަ ކުދިންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
ލިޔުންތެރިކަމުގެ ގައުމީ މުބާރާތެއްގެ އިތުރުން، އަތުލިޔުމުގެ ގައުމީ މުބާރާތެއް ވެސް އަންނަ އަހަރުން ފެށިގެން ބާއްވަން ނިންމާފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަތު ލިޔުމަކީ އެކަމަކަށް ވަރަށް ސަމާލުކަން ދޭން ޖެހޭ ފަންނެއް ކަމަށާއި އެ ހުނަރު ދިރުވައި އާލާކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ހާއްސަ ގިނަ ގިންތިތަކެއް ހިމަނައިގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އަތު ލިޔުމުގެ މުބާރާތް ފަރުމާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ، ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ބާއްވަން ނިންމި އަތުލިޔުމުގެ ގައުމީ މުބާރާތަކީ ގައުމީ ފެންވަރެއްގައި އެފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.