ދިވެހި ބަހުގެ އެކަޑަމީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ގުޅިގެން ބޭއްވި ވާހަކަދެއްކުމުގެ 31 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދައިފި އެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން މިއަހަރުގެ މާޗް 31 އިން އޭޕްރިލް ނުވަ ވަނަ ދުވަހާ ހަމައަށް ބޭއްވި އެ މުބާރާތުގައި ރާއްޖޭގެ 18 ސްކޫލަކާއި ޔުނިވާސިޓީ އަދި ކޮލެޖަކުން ޖުމްލަ 220 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ދިވެހިބަހުގެ އެކަޑަމީން ބުނީ، މިއަހަރަކީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތެއްގައި އެންމެ ގިނަ އަދަދެއްގެ ވާހަކަދެއްކުންތެރިން ބައިވެރިވި އަހަރު ކަމަށެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ 13 އަހަރާ 16 އަހަރާ ދެމެދުގެ ބައިގެ އެއްވަނަ ހޯދި ތާޖުއްދީން ސްކޫލުގެ ދަރިވަރުންނާއެކު ރައީސް މައުމޫން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މަތީ ތައުލީމުގެ ބައިގައި އެކަށީގެންވާ ވަރަށް ތައުލީމީ އިދާރާތަކުގައި ބައިވެރިވެފައި ނުވާތީ އެ ބައިން ވަނަ ދީފައެއް ނުވެ އެވެ. މަތީ ތައުލީމީ ދާއިރާ އިން ބައިވެރިވެފައި ވަނީ ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމަގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އަށް ދިޔަ ސްކޫލްތަކަށާއި އެއްވަނަ ދިޔަ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

މުބާރާތުގެ އެއްވަނަ ހޯދި ސްކޫލްތައް:

  • 13 އަހަރުން ދަށް: ކަލާފާން ސްކޫލް

  • 13 އަހަރާ 16 އަހަރާ ދެމެދު: ތާޖުއްދީން ސްކޫލް
  • 16 އަހަރާ 21 އަހަރާ ދެމެދު: ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް

މުބާރާތުގެ އެއްވަނަ އަށް ހޮވުނު ދަރިވަރުން:

  • 13 އަހަރުން ދަށް: އިސްކަންދަރު ސްކޫލް، ފައިހާ އަހްމަދު ވަހީދު

  • 13 އަހަރާ 16 އަހަރާ ދެމެދު: ތާޖުއްދީން ސްކޫލް، އަހުމަދު ނައީމް
  • 16 އަހަރާ 21 އަހަރާ ދެމެދު: ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް

މިއަހަރުގެ މުބާރާތުގައި ވެސް އަމިއްލަފަރާތްތަކުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އަމިއްލަފަރާތްތަކުގެ ބައިގަ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިގައި ބައިވެރިވެފައި ވަނީ އެންމެ ފަރާތަކުންނެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ 16 އަހަރާ 21 އަހަރާ ދެމެދުގެ ބައިގެ އެއްވަނަ ހޯދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް ރައީސް މައުމޫން ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިގައި ބައިވެރިވި، ކަލާފާން ސްކޫލުގެ ދަރިވަރު މުހައްމަދު ރައިޝާން އަށް ވަނީ ހިތްވަރު ދިނުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ހަނދާނީ ލިޔުމެއް ދީފައެވެ.

އެ ލިޔުން ރައިޝާންއާ ހަވާލުކޮށްދެއްވީ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމެވެ.

މުބާރާތުގައި ބައިވެރިވި ހާއްސަ ގޮތަކުން ކުޅަދާނަ ދަރިވަރު، ރައިޝާން އަށް ހިތްވަރު ދިނުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީން ދެއްވި ހަނދާނީ ލިޔުން ރައީސް މައުމޫން ރައިޝާން އަށް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ކޮންމެ ސްކޫލަކުން އެންމެ މޮޅު ވާހަކަދެއްކުންތެރިޔާ އަށާއި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ވާހަކަދެއްކުންތެރިންނަށް ވަނަ ދީފައިވެ އެވެ. އަދި އެސްއެމްއެސް ކޮށް ވޯޓު ދީގެން ބޭއްވި މުބާރާތުގައި އެންމެ ގިނަ ވޯޓު ލިބުނު ވާހަކަދެއްކުންތެރިންނަށް ވެސް ވަނީ ވަނަ ދީފައެވެ.

ވާހަކަދެއްކުމުގެ މުބާރާތުގެ ބައެއްގެ ގޮތުގައި މީގެ ކުރިން ބަހުސް މުބާރާތް ވެސް ކުރިއަށްދިޔަ ނަމަވެސް ބަހުސްކުރުމުގެ ވަކި ގައުމީ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާތީ އެ މުބާރާތް މިއަހަރު ބާއްވާފައެއް ނުވެ އެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ބަހުސް ކުރުމަކީ ވަކި ހާއްސަ ފަންނަކަށްވުމުން އެ މުބާރާތް ވަކި ގައުމީ މުބާރާތެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހަށްފަހު އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، މިއަހަރުގެ ފަހުކޮޅު އެ މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.