10 May 2011, 14:58
އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޮޕަރޭޓްކުރަމުންދާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު އަނެއްކާ ވެސް ބޮޑުކުރުމަށް ނިންމުމާ ގުޅިގެން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ވިއްކާ އަގު 20.86 ރުފިޔާ އަށް މައްޗަށް ހިނގައްޖެ އެވެ.
ޖިއެމްއާރުގެ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް ކޮމާޝަލް އޮފިސާ ޕްރަސާދު ގޯޕާލަން ސޮއި ކުރައްވައި މިދިޔަ މަހު 28 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޖެޓް އޭ ވަންގެ ފިއުލް ޖީއެމްއާރު އެއާޕޯޓުން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ވިއްކާނީ ލީޓަރެއް 1.35280 އެމެރިކާ ޑޮލަރަށް ކަމަށެވެ. އެއީ ރުފިޔާގެ ރޭޓުން ބަލާއިރު 20.86 އެވެ.
މިއީ ޖީއެމްއާރުން އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ފަހު ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކުރި ހަ ވަނަ ފަހަރެވެ. އެންމެ ފަހުން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ލީޓަރެއް ވިއްކީ 1.26791 ޑޮލަރަށެވެ. އަދި އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް ލީޓަރެއް އޭރު ވިއްކީ 1.17807 ޑޮލަރަށް ނަމަވެސް، މިހާރު ލީޓަރެއް ލިބެނީ 1.25692 ޑޮލަރަށެވެ.
ޖީއެމްއާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެކުންފުނިން ނޮވެމްބަރު 25، 2010 ގައި އެއާޕޯޓާ ހަވާލުވި އިރު ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ލީޓަރެއް ވިއްކަމުންދިޔައީ 0.80054 ޑޮލަރަށް ނުވަތަ 10.21ރ. އަށެވެ. އެހެންނަމަވެސް، އެކި ފަހަރުމަތިން ޖީއެމްއާރުން ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކުރުމާ ގުޅިގެން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޖެޓް ފިއުލް ގަންނަން ލިބޭ އަގު މިދިޔަ މަހުގެ ނިޔަލަށް ވަނީ 45.65 ޕަސަންޓުން ބޮޑުވެފަ އެވެ.
ޖީއެމްއާރުން ބުނަނީ، ތެލުގެ އަގުބޮޑުކޮށްފައި ވަނީ ބާޒާރުގައި ތެޔޮ ވިއްކާ އަގުބޮޑުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ތެޔޮ ފީފާއެއް 93.3 ޑޮލަރަށް ލިބުނު ނަމަވެސް، މިދިޔަ މަހުގެ ނިޔަލަށް ތެޔޮ ފީފާއެއްގެ އަގު ވަނީ 135.9 ޑޮލަރަށް އިތުރުވެފައި ކަމަށް ޖީއެމްއާރުން ބުނެ އެވެ.
މިފަހަރު އަގަށް ގެނައި ބަދަލާ އެކު ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން ވިދާޅުވެފައި ވަނީ، އަގު ބޮޑުވާ ގޮތް ވީހާ ވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ .
މީގެ އިތުރުން ސަރުކާރުން ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ގެނައި ބަދަލާ ގުޅިގެންވެސް ތެޔޮ ގަންނަން ދައްކަން ޖެހޭ ވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ކުރިން 12.75ރ. ގެ ރޭޓުން އަގު ދެއްކުން ނަމަވެސް، މިހާރު ޖީއެމްއާރުން ޑޮލަރަކަށް ނަގަނީ 15.42ރ. އެވެ
ޖެޓް ފިއުލް ވިއްކާ އަގަށްއައި އިތުރުވުންތަކާ އެކު އައިލެންޑް އޭވިއޭޝަނުން އަންނަނީ ތެލުގެ ސާޗާޖަށް ނަގާ އަދަދު ވެސް ބޮޑުކުރަމުންނެވެ. ނަމަވެސް ޖީއެމްއާރުން ތެލުގެ އަގަށް މިފަހަރު ގެނައި ބަދަލަށް ފަހު އައިލެންޑް އޭވިއޭޝަނުން ތެލުގެ ސާ ޗާޖެއް އަދި ބޮޑެއް ނުކުރެ އެވެ.