10 May 2016, 00:03
ގެއްލިފައިވާ ނޫސްވެރިޔާ މ. ޝައިނިންގސްޓާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލަ، އދ.ގެ ވޯކިންގް ގްރޫޕް އޮން އެންފޯސްޑް އެންޑް އިންވޮލަންޓަރީ ޑިސަޕިއަރަންސުން ބެލޭނެ ކަމާ މެދު، ދިވެހި ސަރުކާރުން ސުވާލު އުފައްދައިފި އެވެ.
ރިލްވާން ގެއްލި، 600 އަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެމައްސަލަ އދ.ގެ ވޯކިންގް ގްރޫޕު އޮން އެންފޯސްޑް އެންޑް އިންވޮލަންޓަރީ ޑިސަޕިއަރަންސަށް ހުށަހަޅާފައި ވަނީ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ފަރާތުންނެވެ. އެ މައްސަލާގައި އެ ވޯކިންގް ގްރޫޕަށް ދިވެހި ސަރުކާރުން ވަނީ މިހިނގާ މެއި މަހުގެ ފަސްވަނަ ދުވަހު ޖަވާބުދާރީވުމުގެ ގޮތުން މައުލޫމާތު ހިއްސާ ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ވޯކިންގް ގްރޫޕުގެ މެންޑޭޓުގައި ހިމެނެނީ "ދައުލަތުގެ ނުފޫޒު ނުވަތަ ބާރު ބޭނުންކޮށްގެން ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އެމީހުން ގެއްލިފައިވާގޮތް ހޯދައިދިނުން" ކަމަށެވެ.
އަދި ރިލްވާން ގެއްލުނު މައްސަލާގައި މިހާތަނަށް އެނގިފައިވާ ގޮތުން، އޭނާ ގެއްލުވާލާފައި ވަނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު މިކަމުގައި ޝާމިލުވެގެން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެހެންކަމުން އެކަމުގައި ސަރުކާރުގެ އަތެއް ނުވާތީ، އެ މައްސަލަ ވޯކިންގް ގްރޫޕުން ބެލޭނެ ކަމާ މެދު ސުވާލު އުފައްދާކަން ހިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
"ސަރުކާރުން ވޯކިން ގްރޫޕުގެ މެންޑޭޓަށް އިޚްތިރާމްކުރި ނަމަވެސް، މި މައްސަލައަކީ، ވޯކިންގް ގްރޫޕް އޮން އެންފޯރސްޑް އޯ އިންވޮލަންޓަރީ ޑިސަޕިއަރަންސްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭނެ މައްސަލައެއް ކަމާމެދު ސަރުކާރުން ސުވާލު އުފައްދައި، އެކަން ވޯކިންގް ގްރޫޕަށް ޙިއްސާކުރެވިފައިވެ އެވެ،" ބަޔާނުގައި ވެ އެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، އެ މައްސަލައިގައި ސަރުކާރު ޒިންމާވާން ޖެހޭ ކަމަށް ދެކެވޭ ވާހަކައަކީ ސައްހަ ވާހަކައެއް ނޫން ކަމަށާއި، މައްސަލަ ތަހްގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ވެސް ސައްހަ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން، ވޯކިން ގްރޫޕަށް ހުށަހެޅިފައިވާ ޕެޓިޝަނުގައި، މި މައްސަލައިގައި ފުލުހުން ހިންގާފައިވާ ބޮޑު އޮޕަރޭޝަނުގެ ވާހަކަ ހިމަނާފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ސަރުކާރު ޒިންމާވާން ޖެހޭ ކަމަށް ދޭހަވާ ގޮތަށް ޕެޓިޝަނުގައިވާ އިރު، އެކަން އެގޮތަށް ވާންޖެހޭ ކަމުގެ ހެއްކެއް ހިމަނާފައި ނުވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.