09 May 2016, 20:55
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ފަހުމެޗަށް މާދަމާ ފިލިޕީންސްގެ ކަޔާ އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ނުކުންނައިރު، ހުރިހާ ޕްރެޝަރެއް އޮތީ ކަޔާ އެފްސީއަށް ކަމަށް ނިއުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފިއެވެ.
އަށް ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭ އިރު ނިއުރޭޑިއަންޓް ހިމެނޭ، ގުރޫޕް އެފްގެ ފުލުގައި ދެ ޕޮއިންޓާއެކު އެ ޓީމް އޮތް އިރު ތިން ވަނައިގައި ހަތް ޕޮއިންޓާއި އެކު އޮތީ ސިންގަޕޫރުގެ ބެލެސްޓިއާ ޚަލްސާ އެވެ. ނުވަ ޕޮއިންޓާއި އެކު ކަޔާ ދެވަނައިގައި އޮތް އިރު އެއް ވަނައިގައި އޮތް ކިޗީ އަށް ލިބެނީ ދިހަ ޕޮއިންޓެވެ.
މާދަމާގެ މެޗުގެ ކުރިން މިރޭ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސްޓޮއިކޯފް ބުނީ ދެވަނަ ބުރަށް ދިއުމުގެ ހުރިހާ ދޮރެއް ނިއުރޭޑިއަންޓަށް ބަންދުވެފައިވާ އިރު އެ މެޗުން ބަލިވެގެން ނިއުރޭޑިއަންޓަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި ނަމަވެސް އެ މެޗުން މޮޅުވެގެން ކަޔާ އެފްސީއަށް ދެވަނަ ބުރުގެ ޖާގަ އެއް ކަށަވަރު ވުމުގެ ފުރުސަތު އޮތް އިރު ހުރިހާ ޕްރެޝަރެއް އޮންނާނީ ވެސް ކަޔާ އެފްސީ އަށް ކަމަށެވެ.
"މި ވަގުތުގެ ހާލަތަށް ބަލައި އެންމެ ރަނގަޅަށް ނިއު މި އޮތީ މާދަމާގެ މެޗަށް ތައްޔާރުވެ. މެޗުން މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން. އަނިޔާގެ އަދި ސަސްޕެންސަންގެ ވެސް އެއްވެސް ކުޅުންތެރިއަކު ނެތް،" ސްޓޮއިކޯފް ބުންޏެވެ.
ސްޓޮއިކޯފް ބުނީ މުބާރާތުން ނިއުރޭޑިއަންޓް ކަޓާފައިވީ ނަމަވެސް އެ މެޗު ފަސޭހަ ކޮށް ނުލާނެ ކަމަށާއި ނިއުރޭޑިއަންޓްގެ ނަން ރީތިކުރުމަށް ވެސް މާދަމާގެ މެޗު ކާމިޔާބް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކަޔާ އެފްސީއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ނިއުރޭޑިއަންޓް ބަލީވީ އެންމެ ފަހު ވަގުތުގައި ކަޔާއިން ކާމިޔާބުކުރި ގޯލާ އެކު 1-0ގެ ނަތީޖާ އަކުންނެވެ.
އެ މުބާރާތުގައި ނިއުރޭޑިއަންޓް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާ އިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކަޔާ އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00ގައި ގައުމީ ބޯޅަ ދަނޑުގައެވެ.