09 May 2016, 20:38
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށާއި، ވިޒިޓް މޯލްޑިވްސް އިޔާ 2016 ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުން، ފްރާންސްގެ ހަތަރު ސިޓީއެއްގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ރޯޑްޝޯތަކެއް މިއަދު ފަށައިފި އެވެ.
އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި، މި ރޯޑްޝޯތައް އޮންނާނީ ފްރާންސްގެ ޕެރިސް، ލިލް، ލިޔޯން އަދި މަޣްސޭގަ އެވެ.
މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމްއެމްޕީއާރުސީއިން ކުރިޔަށް ގެންދާ މި ރޯޑްޝޯތަކުގައި، އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އާދަމާއި އެކު، ރާއްޖޭގެ 11 ކުންފުންޏަކުން 15 އޮފިޝަލުން ބައިވެރިވާނެ އެވެ.
އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި މި ރޯޑްޝޯތަކުގެ މައިގަނޑު މަގުސަދަކީ، ފްރާންސްގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ. މި އަދަދު މިދިޔަ ތިން އަހަރު ވެސް ވަނީ ދަށް ވެފަ އެވެ. ރޯޑްޝޯގައި، ފްރާންސްގެ މީޑިއާއަށާއި ޓްރޭޑް ކޮމިއުނިޓީއަށް، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ.
މީގެ އިތުރުން ކޮންމެ ރޯޑްޝޯއެއްގައި، އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. ޗުއްޓީ ހުށަހަޅާފައި ވަނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއާ، ބެންޔަން ޓްރީ ވަށްބިންފަރުންނާއި އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި، ފްރާންސްއިން 16،425 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެ އެވެ. އެއީ ރާއްޖޭގެ މާކެޓު ޝެއާގެ 4.8 ޕަސަންޓާ އެކު، ފަސްވަނައަށް އެންމެ ބޮޑު މާކެޓެވެ.
އެމްއެމްޕީއާރުސީއިން ވަނީ މި މަހުގެ ތެރޭގައި އިންޑިއާގެ ހަތަރު ސިޓީއެއްގައި ވެސް ރޯޑްޝޯތަކެއް ބޭއްވުމަށް ރާވައިފަ އެވެ.