09 May 2016, 21:12
ރާއްޖެއާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޗައިނާގެ ފިލްމެއްގެ މަންޒަރުތަކެއް ރާއްޖޭގައި ނެގުމަށް ޗައިނާގެ ފިލްމު ކުރޫއެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ރާއްޖެ އައުމުގެ ދައުވަތު ދީފައިވަނީ، ރާއްޖޭގެ ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އާއި ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް (ޔޫއޭއެމް) އަދި ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގާ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިންނެވެ.
ސީއެމްސީއޭގެ ކޯ ފައުންޑާ އަލީ ވަހީދު ސަން އަށް ވިދާޅުވީ، އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއްގެ ދެމެދު ހިނގާ ލޯބީގެ ވާހަކައެއްގެ މައްޗަށް "ލަވް މީ ޗަން ޗިންގެން" ގެ ނަމުގައި ހަދާ އެ ފިލްމަކީ ޗައިނާގެ ޝާންޒީ ހަން ތަންގް ކަލްޗަރަލް ކްރިއޭޓިވް އިންސްޓިޓިއުޓުން ހަދާ ފިލްމެއް ކަމަށެވެ.
އެ ފިލްމުގެ މަންޒަރުތައް ނެގުމަށް އެ އިންސްޓިޓިއުޓްގެ 19 ވަރަކަށް ބޭފުޅުންގެ ފިލްމު ކްރޫއެއް ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އަދި ފިލްމުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކައިދޭނެ ކަމަށްވެ އެވެ.
ރާއްޖޭގެ އިތުރުން އެ ފިލްމުގެ މަންޒަރުތައް ދެން ނެގުމަށް ހަމަޖެހިފައިވަނީ ކޮރެއާ އަދި ޗައިނާގައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި މަންޒަރުތައް ނަގާނެ ވަކި ތަންތަން އަދި ފިލްމު ކުރޫއިން ނިންމާފައިނުވާ ކަމަށާއި ނަމަވެސް މަންޒަރުތައް ނެގުމަށް ތަންތަން ބަލަމުންދާކަމަށް ވެސް ސީއެމްސީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ. އެ ފިލްމު ރިލީޒްކުރުމަށް މަސައްކަތްކުރަމުންދަނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.